އައިލެންޑް އޭވިއޭޝަނުން އަލަށް ގެންނެވި އޭ ތްރީ ޓުވެންޓީގެ މަތިންދާބޯޓުގެ ދަތުރުތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ހުޅުލޭ އައިލެންޑް ހޮޓެލްގައި އޮތް ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އައިލެންޑް އޭވިއޭޝަން މި ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި، އެކުންފުނީގެ ޗެއަރމަން އަލްފާޟިލް ބަންދު އިބްރާހީމް ސަލީމަށާއި، ބޯޑުގެ އެހެން މެންބަރުންނަށާއި، މެނެޖިންގ ޑިރެކްޓަރަށާއި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އެއަރލައިނުން އޭ ތްރީ ޓުވެންޓީގެ ދަތުރުތައް މިއަދު ފަށާކަން އެއީ ރާއްޖޭގެ އެއަރލައިންގެ ކުރިއެރުމަށްޓަކައި ބަޔަކު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ކޮށްދެއްވި ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުންފުނި ތަރައްޤީ ކުރެއްވުމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، ގިނަ ދުވަސްތަކެއް ވަންދެން އެކިއެކި ބޭފުޅުން ކޮށްދެއްވާފައިވާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކުންފުނީގެ ކުރީގެ ދެ ޗެއަރމަނުން ކަމުގައިވާ އަލްފާޟިލް ޢަބްދުﷲ ޔާމީނާއި، އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކު، ކުންފުނީގެ ތަރައްޤީއަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެ ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި މިހާރުގެ ޗެއަރމަން އަލްފާޟިލް ބަންދު އިބްރާހީމް ސަލީމަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރައްވަމުން، އޭނާއަކީ ބޭކާރު ކަންތައްތައް ކުރައްވައި، ބަހަނާތައް ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި، އެކަމެއް ކުރައްވަން އޮންނަ ގޮތަކަށް ކުރައްވައި، ނަތީޖާ ނެރުއްވާ ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އައިލެންޑް އޭވިއޭޝަނަކީ ކުޑަ ކުންފުންޏެއް ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެންދަނީ، ކުންފުނި ވަރަށް ރަނގަޅަށް ހިނގަމުންދާކަން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަންކަން އިޞްލާޙުކޮށް، ކުރިއަށް ގެންދިޔުމަށްޓަކައި ރާއްޖޭގެ އެކި ދާއިރާތަކުގައި ކުރިން މަސައްކަތް ކޮށްދެއްވާފައި ތިއްބެވި ވެރިންނާއި މެނޭޖަރުންގެ ޚިދްމަތް، ރާއްޖެ ތަރައްޤީ ކުރުމަށް ބޭނުންވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އައިލެންޑް އޭވިއޭޝަނަކީ، އިރާދަކުރެއްވިއްޔާ، ވަރަށް ކާމިޔާބު ކުންފުންޏަކަށްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށާއި، ކުންފުނީގެ މުސްތަޤްބަލްވެސް އޮތީ ވަރަށް ރަނގަޅަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އައިލެންޑް އޭވިއޭޝަނުން އޭ ތްރީ ޓުވެންޓީގެ ފްލައިޓްގެ އުދުހުންތައް ފެށުމަކީ، ރާއްޖެއާ ކައިރި ޤައުމުތަކުގެ ދެމެދުގައި އޮންނަ ގުޅުން، މިހާރަށްވުރެ ބޮޑަށް ބަދަހިވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވެ، ޚާއްޞަކޮށް، މިއީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން، މިހާރަށްވުރެވެސް ބޮޑަށް ބަދަހިވެގެންދާނެ އެއް ސަބަބު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.