ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ވަރލްޑް އެނަރޖީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިނަމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް މާލެ ވަޑައިގެންނެވިއެވެ.

މި ފޯރަމްގައި ރައިސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ހަކަތައިގެ ހަރުދަނާ ސިޔާސަތެއް އޮތުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގެ ޖީ.ޑީ.ޕީ.ގެ 20 އިންސައްތަ ޚަރަދުކުރަން ޖެހިފައިވަނީ، ޑީސަލުން އުފައްދާ ކަރަންޓަށާއި، އެއްގަމު އުޅަނދުފަހަރުގެ ދަތުރުފަތުރަށްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، މިއީ، ރާއްޖޭގައިވެސް އަދި ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ހަކަތައިގެ ބާވަތެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދު އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި ކުރިއެރުމަށް ކުރިމަތިވެފައި އޮތް އެންމެބޮޑު ހުރަހަކީ، ތެލަށް ޚަރަދުކުރަން ޖެހިފައިވާ މިންވަރު އިތުރުވުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކާބަން ބޭނުންކުރެވޭ ނިސްބަތް މަދު އިޤްތިޞާދެއް ބިނާކުރުމަށްޓަކައި، އެކަމަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައި، ޚާއްޞަ ޕްރޮގްރާމެއް ފަށްޓަވައިގެން، ކުރިއަށް ގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.