މިއަދު މި ހުޅުވުނު ދިރާގުގެ މައި ޢިމާރާތް ރަމްޒުކޮށްދެނީ، މުވާޞަލާތީ ގޮތުން ރާއްޖެ ކުރިއަރާފައިވާ މިންވަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިރާގުގެ މައި ޢިމާރާތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިރާގަކީ ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށްބޮޑު ޚިދްމަތެއް ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ ކުންފުންޏެއްކަން ފާހަގަކުރެއްވިއެވެ. ޤައުމެއްގެ ކުރިއެރުން ބިނާވެފައިވަނީ، އެ ޤައުމެއްގައި ހެދިފައިވާ އެކިއެކި މުވާޞަލާތީ ވިއުގަތަކާއި އަދި ރައްޔިތުންނާއި މަސައްކަތްތެރިންނާ ދެމެދު މުވާޞަލާތީ ގުޅުންތަކެއް އުފެދިގެން ކަމަށް ވިދާޅުވެ، މިރޮނގުން ދިރާގުން ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެއްބަޔަކު އަނެއް ބަޔަކާ މުޢާމަލާތު ކުރުމަށްޓަކައި ފަސޭހަ ގޮތްތަކެއް ހޯދައިދީ، ޚާއްޞަކޮށް، މިޒަމާނުގެ އެންމެ ކުރިއަރާފައިވާ ޓެކްނޯލޮޖީ ބޭނުންކޮށްގެން، ޤައުމުގައި މުވާޞަލާތީ ގުޅުންތައް ޤާއިމްކޮށްދިނުމުގައި، އެންމެބޮޑު ޙިއްޞާއެއް އަދާކޮށްފައިވަނީ، ދިރާގުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިރާގަކީ ރާއްޖޭގެ އިޤްތިޞާދަށް ބަލާއިރުވެސް ނަމޫނާ ކުންފުންޏެއް ކަމަށާއި، ދިރާގަކީ އެތަނުގެ ޚިދްމަތް އެންމެ ރަނގަޅު ފެންވަރެއްގައި ދިނުމަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިރާގުންދޭ މުވާޞަލާތީ ޚިދްމަތްތައް ރާއްޖޭގައި ދެމުން ގެންގޮސްފައިވަނީ، އެންމެ ކުޅަދާނަކަމާ އެކީގައި ކަމަށާއި، ރާއްޖޭގައި އުފެދިފައިވާ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންގެ ކަންކަން އެންމެ ރަނގަޅަށް ގެންދާ ކުންފުންޏަކީ ދިރާގު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހިނގާ އެކިއެކި އިޖްތިމާޢީ ކަންކަމުގައި ވަރަށް ޙަރަކާތްތެރިކަމާއެކު ދިރާގު ބައިވެރިވަމުންދާކަމީ، ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ ކަމެއް ކަމަށް ވިދާޅުވެ، އެ ސިޔާސަތު ދެމެހެއްޓުމުގައި، އެހެން ކުންފުނިތަކުންވެސް ނަމޫނާ ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއަށް ދިރާގުގެ ފަރާތުން ހަނދާނީ ފިލައެއް އެރުވިއެވެ. އަދި ދިރާގުގެ މައި ޢިމާރާތް ހުޅުއްވައިދެއްވުމަށްފަހު، އެ ޢިމާރާތް، ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.