އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިޝެލް ޖޭ. ސިސޯން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙުގައި ކުރިމަތިވަމުންދާ މައްސަލަތަކާއި، އެމައްސަލަތައް ޙައްލުކުރެއްވުމަށް ކުރެއްވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިހާރުން މިހާރަށް އަޅުއްވަން ޖެހިފައިވާ ފިޔަވަޅުތައް އަޅުއްވަން ފަށްޓަވައިފިކަމުގައި ވިދާޅުވެ، އެކަންތައްތަކުގެ ތަފްޞީލު އެމެރިކާ ސަފީރާ ޙިއްޞާކުރެއްވިއެވެ.

އެމެރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަފްރާޝީމް ޢަލީ، މިއޮކްޓޯބަރ މަހު 1 ވަނަ ދުވަހުގެ ރޭ ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާތީ، އެ ޢަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ. އަދި މަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ޢާއިލާއަށް އިޚްލާސްތެރި ތަޢުޒިޔާ ވިދާޅުވިއެވެ.