ޔުނައިޓެޑް ނޭޝަން ޗިލްޑްރަންސް ފަންޑް (ޔުނިސެފް) ގެ ރީޖަނަލް ޑިރެކްޓަރ ފޮރ ސައުތު އޭޝިއާ، ކެރީން ހަލްޝޮފް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޔުނިސެފާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކުގެ މައްޗަށާއި، ދިވެހިރާއްޖެއަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތައް ޙައްލު ކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސާސްކަފްގެ ލަނޑުދަޑިތައް ޙާޞިލު ކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. ޚާއްޞަ ގޮތެއްގައި، ތަޢުލީމީ ދާއިރާއިންނާއި، ޞިއްޙީ ދާއިރާއިން ޙާޞިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރީޖަނަލް ޑިރެކްޓަރ ފޮރ ސައުތު އޭޝިއާ، ކެރީން ހަލްޝޮފް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމް އިތުރަށް ހަރުދަނާ ކުރެއްވުމަށް، ދިވެހި ސަރުކާރުން ދެއްވަމުން ގެންދަވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމީ ނިޒާމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ހުރި ކަންތައްތަކާ ބެހޭގޮތުންނާއި، މަސްތުވާތަކެތީގެ ނުރައްކާ، ކުދިންނަށް އޮޅުންފިލުވައިދީ، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ތަޢްލީމީ ނިޒާމުގެ ތެރެއިން ހަރުދަނާކަމާއެކު މަސައްކަތްތައް ހިންގުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އެކަމަނާ ވާހަކަފުޅު ދެއްކެވިއެވެ.