އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ރޮބިން މުޑީ، އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އޮސްޓްރޭލިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮސްޓްރޭލިޔާއަކީ އަބަދުވެސް ރާއްޖެއާ ރަޙްމަތްތެރި ޤައުމެއްކަން ފާހަގަކުރައްވަމުން، ދެޤައުމުގެ ދޭތެރޭ އޮންނަ ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބޮޑު އަހަންމިއްޔަތެއް ދެއްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށާއި އެނޫންވެސް ދާއިރާތަކުން އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އޮސްޓްރޭލިޔާގެ އާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

އޮސްޓްރޭލިޔާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަޤާމުގައި މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި ވިދާޅުވިއެވެ. އަދި އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ކުރިއަށް އޮތްތަނުގައިވެސް މެދުނުކެނޑި ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.