މިއަދަކީ ދުނިޔޭގެ އޯޒޯން ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ބޭއްވި ޙަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ބައްލަވާލައްވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި މި ޙަރަކާތްތައް ފެށުނީ، ފުނަދުއިން މާލެއަށް ބޭއްވި ފެތުމުގެ ޙަރަކާތަކުންނެވެ. މި ޙަރަކާތުގައި 25 ކުދިން ބައިވެރިވެ ފުނަދުއިން މާލެއަށް ފަތާފައެވެ. އޭގެފަހުން، ޖުމްހޫރީ މައިދާނުގައި ކުޅިވަރުގެ އައިޓަމްތަކެއް ހިނގަމުންދިޔައެވެ. މިކުޅިވަރުގެ އައިޓަމްތަކާއި އަދި ދުވަހާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ބައެއް ސްޓޯލްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ. އަދި އޯޒޯން ސެކްރެޓޭރިއެޓްގެ ފަރާތުން ރާއްޖެއަށް ދޭ ހަނދާނީ ފިލައެއް ދެއްވުން އޮތެވެ. މިފިލައާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާއެވެ.

އޯޒޯން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފެތުމުގެ ޙަރަކާތުގައި ބައިވެރިވި 25 ކުދިންނަށް ސެޓްފިކެޓް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. އަދި އޯޒޯން ދުވަހުގެ މުނާސަބަތުގައި ސްކޫލް ކުދިންގެ މެދުގައި ބޭއްވުނު މަޒުމޫން ލިޔުމުގެ މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓާއި އަދި އެމުބާރާތުގައި ބައިވެރިވި ކުދިންނަށް ސެޓްފިކެޓް ދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.