އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިޝެލް ޖޭ. ސިސޯން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އެމެރިކާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމެރިކާއަކީ އަބަދުވެސް ރާއްޖެއާ ރަޙްމަތްތެރި ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި، ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ މެދުގައި ކުރިއަށް ގެންދަން ފަށާފައިވާ ލީޑަރޒް ޑައިލޮގާބެހޭ މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ލީޑަރޒް ޑައިލޮގް ފެށިގެން ހިނގަމުންދާތީ، އެމެރިކާގެ ސަފީރު އެކަމަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖެއާއި އެމެރިކާއާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެގެންދާނެކަމުގެ ޔަޤީންކަން އެމެރިކާ ސަފީރު ދެއްވިއެވެ.