ތައިލެންޑްގެ ހޮޓެލް ޗެއިނެއް ކަމަށްވާ ދުސިތް އިންޓަރނޭޝަނަލް ޗެއިންގެ ރިޒޯޓެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މާޅޮސްމަޑުލު ދެކުނުބުރީ މުއްދޫގައި ތަރައްޤީ ކުރެވިފައިވާ ރިޒޯޓް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިއަދު މެންދުރެއްހާއިރުއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިރިޒޯޓް ހުޅުއްވައިދެއްވުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއްކަމަށް ވިދާޅުވެ، ދުސިތް އިންޓަރނޭޝަނަލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށާއި، އެތަނުގެ އިސްބޭފުޅުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ދުސިތް އިންޓަރނޭޝަނަލްގެ ރިޒޯޓެއް ރާއްޖޭގައި ހުޅުވުމުން އެކަމުގެ ފައިދާ ލިބިގެންދާނީ ރާއްޖޭގެ އިޤްތިޞާދަށް އެކަނި ނޫން ކަމަށާއި، އެކަމުގެ ސަބަބުން ވަޒީފާތައް އިތުރުވުމުގެ ފުރުޞަތުވެސް ފަހިވެގެން ދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އިޤްތިޞާދުގެ 30 އިންސައްތަ ޙިއްޞާކުރަނީ ފަތުރުވެރިކަމުގެ ޞިނާޢަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަންވެސް ފާހަގަކުރެއްވިއެވެ.