ބައިބަލާ އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ބައިބަލާ މުބާރާތަށް ރައީސުލްޖުމްހޫރިއްޔާ ވާދައިގެ ތަށްޓެއް ހުށަހަޅުއްވައިފިއެވެ. ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވުމަށްފަހު، އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، ވާދައިގެ ތަށްޓާއި، ބައިބަލާ އެސޯސިއޭޝަނުން ދެއްވާ މިލްކުވާ ތަށްޓާއި، އެ އެސޯސިއޭޝަނުން ދެއްވާ ފައިސާގެ އިނާމު، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބީ.ޖީ ސްޕޯޓްސްއަށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

މި މުބާރާތުގެ ފައިނަލް މެޗްގައި ބީ.ޖީ ސްޕޯޓްސް އާ ވާދަކުރީ ޓީ.ސީ ސްޕޯޓްސްއެވެ. މުބާރާތުގެ ރަނަރއަޕް ޓީ.ސީ. ސްޕޯޓްސްއަށް ބައިބަލާ އެސޯސިއޭޝަނުން ހުށަހެޅުއްވި އިނާމު، އެ ޓީމަށް ދެއްވީ މިނިސްޓަރ އޮފް ޔޫތު، ހިއުމަން ރިސޯސަސް އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފެވެ. ފެއަރ ޕްލޭ ޓީމަށް ހޮވުނު ކްލަބް ޒެފްރޯލަށް އިނާމު ދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރެވެ. މުބާރާތުގެ މިސްޓަރ ބައިބަލާއަށް ހޮވުނީ ލޮރެންޒޯ ސްޕޯޓްސް ކްލަބްގެ ޢަބްދުﷲ ނިޝާނެވެ. ފެއަރ ޕްލޭ ކުޅުންތެރިއަކީ ޓީ.ސީ. ސްޕޯޓްސްގެ ޢަލީ ނަޢީމެވެ.