ޢަދާލަތު ޕާޓީން އިސްނަންގަވައިގެން އިންތިޒާމްކުރެއްވި ކުރެހުމުގެ މަޢުރަޒު "ވެރިކަން ބަދަލުވިގޮތް – ކުރެހުންތެރިއެއްގެ ފިހިން"، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިމަޢުރަޒު ހުޅުވުމަށްޓަކައި މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމީހަކު ޤަބޫލުކުރާ ގޮތަކީ ހަމައެކަނި އޮތް ގޮތްކަމުގައި ދެކި، ގޮތްދޫނުކޮށް، އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅާ، ހަނގުރާމަކުރާ ހިސާބަށް ދިއުމަކީ އެއީ ފުރިހަމަ އީމާންކަމުގައި ތިބޭ ބަޔަކު ކުރާ ވަރު ކަންތައްތަކެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރޭގައި އޮންނަ އުޚުވަތްތެރިކަމާއި، އެއްބަނޑުއެއްބަފާކަމާއި، އޯގާތެރިކަމާއި އަޅާލުންފަދަ މާތް އުސޫލުތައް އިސްކޮށް، އެމީހަކު ދެކޭ ގޮތް އެއީ އެންމެ މޮޅު ގޮތްކަމަށް ދެކިގެން އެއްބަޔަކު އަނެއް ބަޔަކާ ދިމާކުރުން އެއީ، ރަނގަޅު ގޮތެއްނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު ރާއްޖެއަށް އައިސްފައިވާ މިބަދަލުތަކާ ބެހޭގޮތުންނާއި، މިއަހަރުގެ ކުރީކޮޅު އަދި މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގައި ސިޔާސީ ގޮތުން ކަންކަން ވެގެން ދިޔަ ގޮތާއި، އޭގެ ސަބަބުން ރާއްޖެއަށް އައިސްފައިވާ ބޮޑު ބަދަލު، ތަޞައްވުރު ކުރެވިގެން ގޮސްފައިވަނީ، އެކި މީހުންނަށް އެކި ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަޢުރަޒުން ފެންނަން ހުރީ ގިނަ ބަޔަކު އެކަންކަމުގެ ތަޞައްވުރު ކުރަމުން ގޮސްފައިވާ ގޮތްކަމަށްވިޔަސް، މިނޫން ގޮތަކަށް ޙަޤީޤަތް ދެކޭ ބަޔަކުވެސް އެބަ އުޅޭ ކަމަށާއި، ޙަޤީޤަތް ސާފުކުރުމަށްޓަކައި އަޅުގަނޑުމެން މިޖެހެނީ، އެންމެން ގަބޫލުކުރާ، އިތުބާރުކުރާ ނިޒާމެއް އުފައްދަންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިމަޢުރަޒު ހުޅުއްވައިދެއްވުމަށްފަހު، މަޢުރަޒު ބައްލަވައިލެއްވިއެވެ.