ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސަގެ ދަޢުވަތަކަށް، ސްރީލަންކާއަށް ކުރެއްވި ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، މި ދަތުރުފުޅުގެ އިތުރު ތަފްޞީލު ދެއްވަމުން، މިދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ އެމަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ކުރެއްވި ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވަމުން، މި ދަތުރުފުޅަށް ސްރީލަންކާގެ ރައީސާއި، ސްރީލަންކާ ސަރުކާރާއި ރައްޔިތުން ފަރާތުން ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ވިދާޅުވި ހޫނު މަރްޙަބާއަކީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ވިދާޅުވި މަރްޙަބާއެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، ދިވެހި ރައްޔިތުންނަށް ސްރިލަންކާގެ ރައްޔިތުންގެ ހިތުގައިވާ ލޯތްބާއި އިޙްތިރާމް އެކަމުން ދައްކައިދޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސާއި ސްރީލަންކާ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޚާއްޞަކޮށް ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމާއި، ވިޔާފާރީގެ ދާއިރާއިންނާއި އިންވެސްޓްމަންޓުގެ ދާއިރާއިން މިހާރަށްވުރެ ގާތްކޮށް މަސައްކަތް ކުރުމަށް މި ދަތުރުފުޅުގައި ވާހަކަފުޅު ދެއްކެވި ކަމުގައި ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވަރަށް އަވަހަށް ސޮއި ކުރުމަށް ހަމަޖެހިފައިވާ ބައެއް އެގްރީމަންޓްތަކާބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވި ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްރީލަންކާއަށް މިކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ގުޅުން ކުރިއަށްވުރެވެސް ބޮޑަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.