ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މިއަދު މެންދުރު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިކުރެއްވި ޒިޔާރަތުގައި، ހައިކޮމިޝަންގެ ހުރިހާ މުވައްޒަފުންނާ ވަކިވަކިން ބައްދަލުކުރައްވައި ސަލާމް ކުރެއްވިއެވެ. އަދި ހައިކޮމިޝަންގެ ޢިމާރާތް ބައްލަވާލައްވައި، ހައިކޮމިޝަންގެ މަސައްކަތްތައް ހިނގަމުންދާގޮތުގެ މަޢުލޫމާތު ހޯއްދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހައިކޮމިޝަނަށް މިކުރެއްވި ޒިޔާރަތުގައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ލިޔުއްވި ބަޔާނުގައި، ހައިކޮމިޝަނަށް ޒިޔާރަތް ކުރައްވައި، މުވައްޒަފުންނާ ބައްދަލުކޮށްލެއްވުމަކީ، އެދެކަނބަލުންނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ހައިކޮމިޝަންގެ ހުރިހާ މުވައްޒަފުން ދިވެހި ޤައުމަށާއި، ދިވެހިންނަށް ކޮށްދެއްވަމުން ގެންދަވާ އަގުނުކުރެވޭފަދަ ޚިދްމަތްތައް ފާހަގަކުރައްވައި، ހުރިހާ މުވައްޒަފުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ މިބަޔާނުގައި ޝުކުރު އަދާކުރައްވާފައިވެއެވެ.