ސިޔާސީ ޕާޓީތައް އުފެދުމަކީ، މުޅި ޤައުމުގައި ފުން ޒަޚަމްތަކެއް އުފެދި، ޢާއިލާގެ ތެރޭގައި ހަމަނުޖެހުންތައް އުފެދިގެންދާންޖެހޭ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ޢާއިލާތަކާއި އަދި ސްރީލަންކާގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ދިވެހި ކުދިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާ ކޮޅުނބުގައި ހުންނަވާ ހޮޓެލްގައި މިއަދު ހެނދުނު 10.30 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިޔާސީ ޕާޓީތައް އޮތުމަކީ، އަޅުގަނޑުމެންގެ ޤައުމު ޤަބީލާތަކަކަށް ބެހިގެންދާންވީ ކަމެއް ނޫން ކަމަށް ވިދާޅުވަމުން، އަޅުގަނޑުމެންގެ ކޮންމެ ޢާއިލާއެއްގައިވެސް ފިކުރީގޮތުން ޚިޔާލު ތަފާތު އެކަކު ނަމަވެސް އެބަހުރިކަން ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އެއްބަނޑުއެއްބަފާކަން މިއަދު ވަނީ ގެއްލިފައި ކަމަށާއި، ޙަޤީޤަތުގައި މިއީ ވަރަށް އަސަރުގަދަ ވާހަކައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމު އިޞްލާޙު ކުރަން ކަންތައްތައް ރަނގަޅަށް ގެންދަން އެންމެންވެސް ބޭނުންވާ ކަމަށާއި، އެހެން ނަމަވެސް، އަޅުގަނޑުމެން އެދޭހާ އަވަސް މިނެއްގައި ކަންކަން ހަމަޖެހިގެން ނުދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، އަޅުގަނޑުމެން އެންމެންވެސް ކެތްތެރިކަމާއި ރަޙްމަތްތެރިކަން އިސްކުރަން އެބަޖެހޭ ކަމަށާއި، އަޅުގަނޑުމެންގެ ތެރޭގައި އޮތް ލޯތްބާއި، އެކަކު އަނެކަކަށް އަޅާލުން އިތުރުކޮށް، ޢާއިލާތަކަކީ އުފާވެރި ހަމަޖެހޭ ޢާއިލާތަކަކަށް ހެދުމަށް މަސައްކަތް ކުރަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، މިވަގުތަކީ ފިކުރީ ވިސްނުންތައް، އަމިއްލަ ކަމެއްގެ ގޮތުގައި ބާއްވާފައި، އެކަކު އަނެކަކާ ދޭތެރޭގައި އޮންނަ ލޯތްބާއި އުޚުއްވަތްތެރިކަން ބަދަހިކުރަންޖެހޭ ވަގުތު ކަމަށް ދެކެވަޑައިގަންނަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ޢާއިލާތަކާއި އަދި ސްރީލަންކާގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ސްރީލަންކާއަށް މިކުރައްވަމުން ގެންދަވާ ދަތުރުފުޅާ ބެހޭގޮތުންނާއި، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މައްޗަށާއި، ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވައި، އެކަމުގެ މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ.

ސްރީލަންކާއަށް މިކުރެއްވި ދަތުރުފުޅުގެ ސަބަބުން އެމަނިކުފާނަށް ފެނިވަޑައިގަތީ، ސްރީލަންކާގެ ރައީސާއި، ސަރުކާރާއި ރައްޔިތުންގެ ހިތްތަކުގައި ދިވެހި ރައްޔިތުންނަށް އޮތް ލޯތްބާއި، ދިވެހިންނަށްޓަކައި ބާއްވަވާ ވަރަށް ޚާއްޞަ ޤަދަރަކާއި އިޙްތިރާމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދަތުރުފުޅުގެ އެންމެ މުހިންމު ބޭނުންފުޅަކީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން، މިހާރަށްވުރެ ވަރުގަދަ ކުރެއްވުން ކަމަށާއި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި ސްރީލަންކާ އޮތީ ރާއްޖެއަށް އެހީދޭން ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިދަތުރުފުޅާ ގުޅިގެން ވަރަށް ކައިރި މުސްތަޤްބަލެއްގައި، ދެ ޤައުމުގެ ދެމެދުގައި ތިން އެއްބަސްވުމެއްގައި ސޮއިކުރެއްވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެ ތިން އެއްބަސްވުމަކީ، ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުމަކާއި، މަތީ ތަޢުލީމާބެހޭ އެއްބަސްވުމަކާއި، އެކިއެކި ކުށްކުށުގައި ތުހުމަތު ކުރެވޭ މީހުންނަށް ޤާނޫނީ އެހީތެރިކަން ފޯރުވައިދިނުމާބެހޭ އެއްބަސްވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައްޗަށް ބައްލަވާލައްވަމުން، މިހާރު ވޭތުކުރަމުން މިދަނީ ވަރަށްދަތި ދުވަސްވަރެއް ކަމަށްވިޔަސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިޤްތިޞާދު، އިރާދަކުރެއްވީތީ ރަނގަޅަށް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، އެތައް އަހަރުތަކެއް ވަންދެން ކުރެވިފައިވާ ޚަރަދުތައް ބޮޑުކަމާއެކު، ޚަރަދުތައް ކުޑަކުރެއްވުމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅުއްވަން ޖެހިވަޑައިގެންފައިވާ ކަމަށާއި، މަގާމާ ޙަވާލުވެވަޑައިގަތުމަށްފަހު، މިވޭތުވެދިޔަ ހަމަސްދުވަހުގެ ތެރޭގައިވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ ޚަރަދުތައް ކުޑަކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތަރައްޤީގެ ބައެއް މަޝްރޫޢުތައް މިވަގުތަށް މަޑުކުރައްވާފައިވީ ނަމަވެސް، ގިނަ ކަންތައްތައް ކުރެއްވޭތޯ ބައްލަވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މައްޗަށް ބައްލަވާލައްވަމުން، މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، ވީހާވެސް ބޮޑަކަށް ރާއްޖޭގައި ޞުލްޙަ މަޞްލަޙަތު ޤާއިމް ކުރެއްވުމަށްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަ ދެކެވޭނެ މާޙައުލެއް ޤާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މާލެ ވަޑައިގަތުމަށްފަހު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާތައް ފަށްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާ ގުޅިގެން، ހަދަންޖެހޭ ޤާނޫނުތައް ނުހެދި، އިޞްލާޙު ކުރަންޖެހޭ ޤާނޫނުތަކަށް އިޞްލާޙު ނުގެނެވި އޮތުމަކީ، ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައެއް ކަމަށާއި، އެހެންވީމާ، މި ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ވަރަށް އަވަހަށް ހައްދަވައި ނިންމަވަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލިސް ހުއްޓާލެވިފައި އޮތުމަކީ، ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް ނުކުރުމަކީ، ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، މި ހަފްތާގެ ތެރޭގައި އަލުން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކުގެ ފަރާތުން އަލްފާޟިލް އިބްރާހީމް ޙަނީފް ދެއްކެވި ވާހަކައިގައި، ޢާއިލާތަކަށް ކުރިމަތިވާ ބައެއް ދަތިތަކުގެ މައްޗަށް ބައްލަވާލައްވަމުން، އާސަންދައިގެ ޚިދްމަތް ނުލިބުމާއި، ވިސާ ލިބުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރެއްވިއެވެ. މިކަންކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، އާސަންދައިގެ ޚިދްމަތް ލިބިދިނުމުގައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.