ސްރީލަންކާއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމުގެ އާ ބާބެއް ހުޅުވުމުގެ ފުރުޞަތު ތަނަވަސްވެގެންދިޔަ ދަތުރުފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާގުޅޭގޮތުން މިއަދު ހަވީރު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްރީލަންކާގެ އެކި ނޫސްތަކާއި ޚަބަރުފަތުރާ ވަސީލަތްތަކާއި އަދި ސްރީލަންކާގައި ހަރަކާތްތެރިވާ ބޭރުގެ އެކި ނޫސްވެރިން ބައިވެރިވި މި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މި ދަތުރުފުޅަކީ ވަރަށް މުހިންމު އަދި ކާމިޔާބު ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި އަރިހުގައި ގެންނެވި ވަފްދުގެ ބޭފުޅުންނަށް ސްރީލަންކާ ސަރުކާރުން ވިދާޅުވި ހޫނު މަރްޙަބާއާއި ބަހައްޓަވަމުން ގެންދަވާ ފުރިހަމަ މެހްމާންދާރީއަށްޓަކައި ސްރީލަންކާގެ ރައީސަށާއި، ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ. އަދި މިދަތުރުފުޅުގައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންކަމާބެހޭ މަޢްލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙް ފިނިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭ މަޢްލޫމާތުވެސް ޚަބަރުފަތުރާ ވަސީލަތްތަކާ ޙިއްޞާ ކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން މިދޭތެރެއިން ދަށަށް ދިޔަ ކަމުގައިވިޔަސް، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުން ފަތުރުވެރިކަން ރަނގަޅުވަމުން އަންނަކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ އޭވިއޭޝަންގެ ދާއިރާއަށް ކުރިއެރުންތައް ލިބެމުންދާ ކަމަށާއި، ރާއްޖެއަށް އަންނަ ފްލައިޓުތައްވެސް އިތުރުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.