ސިޔާސީ ޕާޓީތަކުގެ ހުރިހާ ލީޑަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ މަޝްވަރާ ބައްދަލުވުންތަކަށް ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެބޭފުޅުންނަށް ދަޢުވަތު ފޮނުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސްރީލަންކާގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ބައްދަލުވުމަކީ ވެރިކަން ބަދަލުވެގެންދިޔަގޮތާމެދު، ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީން ނެރޭ ރިޕޯޓާ ގުޅޭގޮތުން ކަންތައްތައް ގެންދާނެ ގޮތާމެދު މަޝްވަރާ ކުރުމަށް ބާއްވަވާ ބައްދަލުވުމެކެވެ.

ބޭރުގެ ޑިޕްލޮމެޓުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަމުން، ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މައްޗަށާއި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު ފިނިކުރެއްވުމަށާއި، ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާ ސިޔާސީ ގުޅުން ޤާއިމުވެފައިވާ ރަޙްމަތްތެރި އެކި ޤައުމުތަކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް، މި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޖީ.އެމް.އާރުގެ މައްސަލަ ޙައްލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ މައްޗަށް ބައްލަވާލައްވަމުން، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ވާހަކަފުޅު ދައްކަވައިގެން މައްސަލައަށް ޙައްލެއް ހޯއްދެވުމަށް ކަމުގައި ވިދާޅުވިއެވެ.