ރާއްޖެއަކީ އިންވެސްޓަރުންގެ ޙައްޤުތައް އަބަދުވެސް ރައްކާތެރިކުރާނެ ޤައުމެއްކަމަށް ވިދާޅުވެ، އެކަމުގެ ޔަޤީންކަން ސްރީލަންކާގެ ވިޔަފާރީގެ ދާއިރާގެ އިސްބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްވައިފިއެވެ. މިކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވީ، އެބޭފުޅުންނާ ހިލްޓަން ކޮލަމްބޯގައި މިއަދު ހެނދުނު ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ސްރީލަންކާ-މޯލްޑިވްސް ބައިލެޓަރަލް ބިޒްނަސް ކައުންސިލުން އިންތިޒާމްކުރެއްވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުދި އާބާދީތައް، ބޮޑެތި މައި އާބާދީތަކާ ގުޅާލައި، ކުދިރަށްތަކުގެ މީހުން ބޮޑެތި ރަށްތަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ހުސްވެގެންދާ ކުދި ރަށްތަކަކީ، އެކިއެކި އިޤްތިޞާދީ ބޭނުންތަކަށް ތަރައްޤީކުރެވިގެންދާނެ ރަށްތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް، މިފަދަ ރަށްތައް ތަރައްޤީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް މިހާރު ބިނާވެފައި އޮތް ނަމަވެސް، ރާއްޖޭގައި ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި ޝިޕިންގ އިންޑަސްޓްރީގެ މަސައްކަތްކުރަމުން ގެންދިޔަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިހާރު އެވިޔަފާރިވަނީ އެއްކޮށް ކަހަލަގޮތަކަށް ހުއްޓިފައި ކަމަށްވިޔަސް، ރާއްޖެފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެއްގައި ހަރުދަނާ ޝިޕިންގ އިންޑަސްޓްރީއެއް އޮތުން ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޝިޕިންގ ވިޔަފާރި އަލުން ހަރުދަނާކޮށް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ކަމަށާއި، ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންތަކުގެ ތެރެއިން، މިކަމަށް މަގުފަހި ކުރެވެން ހުރި ގޮތްތަކަކީ ކޮބައިތޯ ބެލުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށީގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ރިޒޯޓްތައް މިހާރު ތިމާވެށްޓާ ރައްޓެހި ގޮތަކަށް ބަދަލުކުރެވެމުންދާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ކުނިނައްތާލުމުގެ މަސައްކަތްވެސް ތިމާވެށްޓާ ރައްޓެހި ގޮތްތަކަކަށް ބަދަލުކުރަމުން އެބަގެންދާ ކަމަށް ވިދާޅުވެ، ތެލުގެ ބަދަލުގައި އަވިން ހަކަތަ އުފައްދައި ބޭނުންކުރުމަށް ރިޒޯޓްތަކުން މިހާރު ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުންގެންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މިއީ، ތެލުގެ އަގުތައް ދުވަހެއް ދުވަހަކަށް މައްޗަށް ދަމުންދާ ދަނޑިވަޅެއްގައި، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި އިޤްތިޞާދީގޮތުން ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެއްޖެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިގޮތުން ލޯ ކާބަން ސިޔާސަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން މިކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރުމުގެ ފުރުސަތުވެސް ހުޅުވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތުގެ މައްޗަށް ބައްލަވާލައްވައި، ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ދެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މައްޗަށްވެސް ބައްލަވާލައްވައި، ވެރިކަން ކުރައްވަމުން ގެންދަވަނި ދިވެހި ރައްޔިތުންގެ މަޞްލަޙަތަށް އިސްކަން ދެއްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާއި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަޙްމަދު މުޙަންމަދު އިތުރު މަޢްލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެދެކަނބަލުންގެ ޝަރަފުގައި ސްރީލަންކާގެ ރައީސްގެ ދެކަނބަލުން ރަސްމީ ޖާފަތެއް ރޭ ވަނީ ބާއްވަވާފައެވެ. މިޖާފަތުގައި ދިވެހި ވަފްދުގެ ބޭފުޅުންނާއި ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖާފަތުގެ ތެރޭގައި ސްރީލަންކާގެ ޘަޤާފީ ބައެއް ހަރަކާތްތަކާއި އަލިފާނުގެ ކުޅިވަރުތައް ދައްކާލުންވެސް އޮތެވެ.