މަޝްވަރާ ކުރުމުގެ އުޞޫލުގެ ތެރެއިން ނޫނީ ކަންކަން ނިންމުމަކީ، މިއަދުގެ ސަރުކާރުން ކުރައްވާނެ ކަމެއް ނޫން ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ހުޅުމާލޭގައި ހަދާފައިވާ ހިޓާޗީ ފުޓްސަލް އެރީނާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެކިކަންކަމުގައި މަޝްވަރާ ކުރުމަށް ސަރުކާރު އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށާއި، މަޝްވަރާ ކުރުމުގެ މާޙައުލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި އަދި އެހެން ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ހިޓާޗީ ފުޓްސަލް އެރީނާއަކީ އެފް.އޭ.އެމް. އާއި، ޔޫތު މިނިސްޓްރީއާއި، އެސް.ޓީ.އޯ ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސިފައިން ހެދުމަށް ހަމަޖެހިފައިވާ 7 ދަނޑުގެ ތެރެއިން ފުރަތަމަ ހުޅުވުނު ދަނޑުކަން ނައިބު ރައީސް ފާހަގަކުރައްވަމުން، މި ދަނޑު ބޭނުންކުރުމުގެ އުފާ ޙާޞިލްކުރާނީ، ރާއްޖޭގެ ޒުވާނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، ޤައުމު ބިނާކުރެވޭނީ، ޤައުމުގެ ޒުވާނުންނަކީ އަގުހުރި ދަރިންތަކަކަށް ހެދިގެންނެވެ. އެ ދަރިންނަކީ ޤައުމުގެދެކެ ލޯބިވާ، ވަޠަންދެކެ ލޯބިވާ ދަރިންނަށް ހެދިގެންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ ޒުވާނުން ތަރައްޤީ ކުރުމުގައި ހަމައެކަނި އިސްކަންދޭންޖެހޭނީ ތަޢުލީމަށް ނޫން ކަމަށާއި، ކުޅިވަރާއި އެތްލެޓިކްސްއަކީވެސް އިންސާނާގެ ނަފްސު ވަރަށް ރަނގަޅަށް ބައްޓަންކޮށްދީ، އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު އުފައްދައިދޭ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ހިޓާޗީ ފުޓްސަލް އެރީނާ ހެދުމުގެ މަސައްކަތުގައި، ސިފައިންނާއި ފުލުހުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރެއްވިއެވެ. ސިފައިންނަކީ ނުވަތަ ފުލުހުންނަކީ، ހަމައެކަނި ޤައުމުގެ މަޞްލަޙަތު ހަމަޖައްސަން ތިބި ބައެއް ނޫންކަން، މިފަދަ ކަންކަމުން އެނގިގެންދާ ކަމަށާއި، އެމީހުންނަކީވެސް ހަމަ ދިވެހި ޤައުމުދެކެ ލޯބިވާ، ޤައުމަށްޓަކައި ޖިހާދުވާނޭ ލޮބުވެތި ދަރިންކަން، މިފަދަ ކަންކަމުން ފެނިގެންދާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.