ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ޗައިނާގެ އިސްލާމީ ކަންތައްތަކާބެހޭ ޑިޕާޓްމަންޓުގެ މަތީ ފެންވަރުގެ ވަފްދުގެ ބޭފުޅުންނާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ވިޔަފާރިއާއި ޘަޤާފީ ގުޅުމާ ގުޅޭގޮތުން ޗައިނާގެ ވަފްދުގެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި މިގުޅުމަށް 40 އަހަރު ވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ދީނީ ގޮތުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި ޗައިނާގެ އިސްލާމީ ކަންތައްތަކާބެހޭ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންކަން ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރިތާ 40 އަހަރުވެފައިވާކަން ކުލަގަދަ ގޮތެއްގައި އިޙްތިފާލު ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.