ނޯވޭ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިލްޑޭ ހެރަލްޑްސްޓެޑް، ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ނޯވޭއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް އެކި ގޮތްގޮތުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި އެކަމަނާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ނޯވޭއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ކުރިއަށް އޮތްތާނގައިވެސް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙުގެ މައްޗަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން ހުރިހާ ޕާޓީތަކެއްގެ މެދުގައި މަޝްވަރާތައް އަލުން ފެށުމާގުޅޭގޮތުން ކުރެވޭ މަސައްކަތްތަކާއި، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު، ނޯވޭ ސަފީރަށް ނައިބު ރައީސް އެރުވިއެވެ.

ނޯވޭ ސަފީރުގެ ވާހަކަފުޅުގައި، ނޯވޭ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، އެކަމަނާއަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.