ސްރީލަންކާގައި ހުންނަ ސައޫދީ ޢަރަބިޔާގެ އެމްބެސީގެ ޑެޕިޔުޓީ ހެޑް އޮފް މިޝަން ފާރޫޤް ޢަލީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ހިލާލީގޭގައި މިއަދު ހަވީރު އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސައޫދީ ޢަރަބިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެކިއެކި އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިޔާގެ އާ ވަލީޢަހުދު ސަލްމާން ބިން ޢަބްދުލްޢަޒީޒް އައްސަޢޫދުގެ ޒަޢާމަތުގެ ދަށުގައި ސަޢޫދީ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ތަރައްޤީ ލިބިގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، އަންނަ މަހު 14 އިން 15 އަށް މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ބައްދަލުވުމަށް ވަމުންދާ ތައްޔާރީތަކާއި، ސަމިޓް ތެރޭގައި ރޭވިފައިވާ ކަންކަމާބެހޭ މަޢްލޫމާތު، ސަޢޫދީ އެމްބަސީގެ ޑެޕިޔުޓީ ހެޑް އޮފް މިޝަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.