ރާއްޖެއަށް ލިބިފައިވާ މިނިވަންކަމުގެ މަތިވެރި އަސާސްތަކަށް ޙުރްމަތްތެރިކޮށް ހިއްތެވުމަށާއި، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގަޔާއި، މުޖްތަމަޢުގެ ރިވެތި އަޚްލާޤީ މިންގަނޑުގައި ސާބިތުވެ ތިއްބެވުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޚާއްޞަ އިޙްތިފާލުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޤައުމު ހަމަޖެހުމަކަށް ގެނައުމަށް މެދުނުކެނޑި ކުރެވެމުންދާ މަސައްކަތްތަކުގައި، ފުރިހަމަ އެއްބާރުލުން ދެއްވުމަށާއި، ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ފުރިހަމައަށް އިޙްތިރާމް ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި އަޅުގަނޑުމެންނަކީ ޤައުމުދެކެ ނުހަނު ލޯބިވާ، ޤައުމަށް ހުރިހާ ގޮތަކުންވެސް ހެޔޮއެދޭ، ޤައުމަށްޓަކައި ފަޚްރުވެރިވާ ބައެއް ކަމަށް ދައްކަވާދެއްވައި، އެންމެންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައި، ޤައުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރިވެވަޑައިގަތުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިނިވަންކަމުގެ އުފާ ޙާޞިލް ކުރަމުންދާއިރު، ކޮންމެ ޤައުމެއްގެވެސް ޤައުމީ މިނިވަންކަމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ކުރިއެރުމަށާއި، ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ތަނބެއްކަން ހަނދާންކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެ ތަނބު ވަރުގަދަވެގެން މެނުވީ، އަޅުގަނޑުމެން ބޭނުންވާ މިޞްރާބަކަށް ދަތުރެއް ނުކުރެވޭނެއެވެ. ޙަޤީޤީ މަންޒިލަކަށް ވާސިލެއް ނުވެވޭނެއެވެ. އެކަން ދެމެހެއްޓުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުން ގެންދަން ޖެހޭނެއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމީ މިނިވަންކަން ރައްކާތެރިކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އެންމެ މުހިންމު ކަމަކީ، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް، ޤައުމުގެ ދިފާޢީ ބާރުގެ ސަފުތައް ވަރުގަދަކޮށް، އެއްބައިވަންތަކަމުގެ ސަފުތައްވެސް އިތުރަށް ބަދަހިކުރުން ކަމުގައި ވިދާޅުވިއެވެ.

ދިވެހިން ހޯދާފައިވާ ޤައުމީ ސިޔާސީ އަދި އިޤްތިޞާދީ މިނިވަންކަމަކީ، މި ޤައުމުގެ ތާރީޚުގެ އެކިދުވަސްވަރު ވަރަށްބޮޑު ހިތްވަރަކާއި، ޤުރްބާނީތަކެއްވެގެން ދިވެހިން ހޯދާފައިވާ މިނިވަންކަމެއްކަން ހަނދާން ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ މިނިވަންކަން ހޯއްދަވައިދެއްވުމަށް ޤައުމީ އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ މަތިން ހަނދާންކޮށް، އެބޭފުޅުން ޤައުމަށްޓަކައި ކުރެއްވި ޖިހާދުގެ އަގު ވަޒަންކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ޑިމޮކްރެޓިކް ވެށްޓަކީ، މިވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ވަރަށް ހަލުވި ބާރުމިނެއްގައި ޤާއިމްވެފައިވާ ވެށްޓެއްކަންވެސް ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވެފައިވާ އިޖްތިމާޢީ ސިޔާސީ ޙާލަތަކީ، މިވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، މި ޤައުމުގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމަށް ގެނެވުނު ބަދަލުތަކާއި، އިޖްތިމާޢީ ގޮތުން ކުރަންޖެހި، ނުކުރެވިފައި ހުރި ކަންތައްތަކެއްގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަރުދުންނަށް ޤާނޫނު ލިބިދޭ ރައްކާތެރިކަން ހޯދައިދީ، ހަމަޖެހޭ މުޖްތަމަޢެއް ޤާއިމް ކުރެވޭނީ، އަލަށް ބިނާކުރެވެމުންދާ ޑިމޮކްރެޓިކް ނިޒާމުގައި ހުރި އަޑިގުޑަންތަކާއި، ތޫނު ކަންތައްތައް އޮމާން ކުރެވިގެން ކަމާއި، ހެޔޮވެރިކަމެއް ޤާއިމް ކުރެވޭނީ، މި ތޫނުކަމާއި އަޑިގުޑަންތައް ފިލުވާލައިގެންކަންވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި އޮމާން، އަމާން ޑިމޮކްރަސީއެއްގެ ފުރިހަމަ ހިޔާ، އަޅުގަނޑުމެންނަށް ލިބެންދެންވެސް، އިޚްލާޞްތެރިކަމާއެކު ހެޔޮވެރިކަމެއް ކޮށްދެވިގެން، ނިޒާމުގައި ހުރި އުނިކަންތައްތަކުގެ ބޭނުން، ނަހަމަގޮތުގައި ނުކޮށް، ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރެވިގެން ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، މިރޭ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ ފޭރާން ދަށްވެ، ކަންބޮޑުވާންޖެހޭފަދަ ޙާލަތަކަށް ޤައުމުގެ ކަންކަން މިއަދު ގޮސްފައިވާކަން ފާހަގަކުރައްވައި، އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އެއްވެސް ކުށެއް ނެތް މީހުން މެރުމާއި، ވަކިވަކި ފަރުދުންނަށް ޙަމަލަ ދިނުމާއި، ބިރު ދެއްކުމާ، މިފަދަ ކަންކަން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ، ތަކުރާރުވަމުންދާކަމީވެސް ވަރަށް ހިތާމަހުރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަކީ ވަރަށް އަމާން، ޞުލްޙަވެރި ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ޤައުމެއް ކަމަށްވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ނަގާލުމަށް، މަދުބަޔަކު ނަމަވެސް މަސައްކަތް ކުރަމުންގެންދާކަމީ، ހިތާމަހުރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. [މިއީ ޙަޤީޤަތުގައި މުޅި ޤައުމަށާއި ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ގެއްލުމެއް. ކަމަކާ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު، ފިތުނަފަސާދަ އުފެއްދުމަށް އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާނެ. އެފަދަ މަސައްކަތްތައް ވަގުތުން ހުއްޓުވެންޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ރީތި އާދަކާދަތައް މުގުރާލައި، އަޚްލާޤީ މިންގަނޑުގެ ބޭރުން އެއްވެސް މީހަކު ޢަމަލުކޮށްގެނެއް ނުވާނެ.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކޮށް، ރާއްޖޭގެ އަގު ވައްޓާލުމަކީ، އެބަޔަކަށް ލިބޭ ޝަރަފެއް ކަމަށް ދެކޭ މަދު ބަޔަކު، ދިވެހިންގެ ތެރޭގައި ތިބިކަމީވެސް ވަރަށް ހިތާމަހުރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި ޤައުމަށް ދެރައެއް ލިބޭފަދަ އެއްވެސް ކަމެއް، ޤައުމުގެ މުސްތަޤްބަލްގެ ޖީލުތަކަށް އަސަރުފޯރުވަނިވި އެއްވެސް ކަމެއް އަޅުގަނޑުމެން ކޮށްގެން ނުވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ޤައުމަށް ކުރިމަތިވެފައިވާ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަނުޖެހުމުގެ ތެރެއިން ސަލާމަތްވުމަށް، ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޤައުމު ބޭނުންވެފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ މައްޗަށް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. އަދި ސިޔާސީ ގޮތުން، އެއް މިޞްރާބަކަށް ދިޔުމަށްޓަކައި ބޭނުންވަނީ، ޤައުމުގެ މަޞްލަޙަތު އިސްކޮށް، ޤައުމުގެ ތަރައްޤީގެ އަމާޒުތަކަށް އެންމެންގެ ސަމާލުކަން ސީދާކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުސްތޫރީ އަދި ޤާނޫނީ ވެރިކަން ފުރިހަމަ ކުރުމަށްޓަކައި ނިންމަންޖެހޭ ޤާނޫނުތައް ފާސްކުރައްވައި ނިންމެވުމަށް އަވަސް މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. މި ޤާނޫނުތައް ފުރިހަމަކުރުމަކީ، ރާއްޖޭގެ ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަށާއި، ކުށްތައް މަދުކުރުމަށާއި، މުޅި ޤައުމުގެ ސަލާމަތާއި، އަމަންއަމާން ކަމަށްޓަކައި ކުރަން ޖެހިފައިވާ މުހިންމު މަސައްކަތްތަކެއްކަން ޤަބޫލުކުރަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ މިބޭއްވެވި ޚާއްޞަ އިޙްތިފާލުގައި، މިނިވަން ދުވަހުގެ މުނާސަބަތުގައި، ޚާއްޞަ ދުޢާއެއް ކުރެއްވިއެވެ. ޖުމްހޫރީ މައިދާނުގައި ހުރި ކޯއްޓޭއަށް ޤައުމީ ދިދަ ނެގުންވެސް، މިއިޙްތިފާލުގައި އޮތެވެ.