މި ބަރަކާތްތެރި މައްސަރުގެ ހެވާއި ދަރުމައާއި ޘަވާބު ލިބިގަނެ، އަޅުކަންތައް އިތުރުކޮށް، މި މައްސަރުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާބެހޭ ބަޔާން އިއްވުމަށް މިރޭ އިސްލާމީ މަރްކަޒުގައި ބޭއްވެވި ރަސްމީ އިޙްތިފާލުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވަމުން، މި މައްސަރުގެ މާތްކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ހަމައެއާއެކު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށާއި، މުޅި އިސްލާމީ އުންމަތަށްވެސް މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ އެމަނިކުފާނު ފޮނުއްވިއެވެ. އަދި ރަމަޟާންމަސް އިޙުޔާކޮށް ދިރުވުމަށް، އެހެން އަހަރުތަކެކޭ އެއްފަދައިން، ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވައި، މިރޭ ދެއްކެވި ވާހަކަފުޅުގައި، ރަމަޟާން މަހަށް ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެންފައިވާކަން ފާހަގަކުރައްވައި، މިމަހަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުންވެސް ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި، ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް، މި ރަމަޟާން މަހުގެ ތެރޭގައި އާދަޔާ ޚިލާފަށް މަތިވިޔަނުދެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައްވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރަމުން އައި ބައެއްކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ރައްޔިތުންނަކީ، މުޖްތަމަޢުގެ ރީތި ހަމަތަކަށް ކަމޭހިތުމާއި، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބޯލެނބުމުގައި ނަމޫނާ ދައްކަމުން އައި ބައެކެވެ. އިސްލާމީ އަޚްލާޤުގެ ރީތި ނަމޫނާ ދައްކަމުން އައި ބައެކެވެ.

އަޅުގަނޑުމެންގެ ތެރޭގައި ދީނީ ގޮތުންނާއި އަޚްލާޤީ ގޮތުން މަނާވެފައި ހުންނަ ކަންތައްތަކެއް ހުންނަ ކަމަށާއި، އޭގެތެރޭގައި، އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތް ކުރުމާއި، ބަދުބަސް ބުނުން ހިމެނޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެން، އެއްބަޔަކު އަނެއްބަޔަކަށް ނެތިމޮށުމާއި، ޖާސޫސް ކުރުމަކީ، އިސްލާމީ މުޖްތަމަޢުގައި މަނާކުރެވިފައިވާ ކަންކަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މައިންބަފައިންނަށް ކަމޭހިތުމާއި، ޔަތީމު ކުދިންނަށް އެހީތެރިވެދިނުމަކީ، އިސްލާމީ އަޚްލާޤުގައި ހިމެނޭ ކަންތައްތައް ކަމަށާއި، ރިވެތި އަޚްލާޤު ދެމެހެއްޓުމަށް މިއަދުވެސް އަދި މާދަމާވެސް އަދި މުސްތަޤްބަލުގައިވެސް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ވާޖިބެއްކަން ހަނދާންކޮށްދެއްވަމުން، އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، ވަރަށް ހިތާމަވެރި މަންޒަރުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. [މިއަދު އަޅުގަނޑުމެން ދެކެމުން މިދަނީ، މުޖްތަމަޢުގެ ރީތި އަޚްލާޤީ މިންގަނޑުތަކާ ދުރަށް އަޅުގަނޑުމެންނަށް ދެވޭ މަންޒަރު. ޤާނޫނާއި ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްނުހިތޭ މަންޒަރު. ގައުމުގެ މަޞްލަޙަތަށްވުރެ، އަމިއްލަ މަޞްލަޙަތު އިސްކުރަމުންދާ މަންޒަރު. އެހެން މީހުންގެ އަބުރަށާއި ޙައްޤުތަކަށް އަރައިގަންނަ މަންޒަރު.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ މިއަދު މުޅި ޤައުމުގެ އަމަންއަމާންކަމާއި، ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ވަރަށް ފުންކޮށް އަޅުގަނޑުމެން ވިސްނާލަން ޖެހިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ޤައުމެއްގައިވެސް ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި ހުންނަނީ، ރައްޔިތުންގެ ލުއިފަސޭހައާއި، ފައިދާއާއި، ރައްކާތެރި ކަމަށްޓަކައި ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤާނޫނުތަކާއި ޤަވާޢިދުތައް މުގުރާލައި، ދައުލަތުގެ މުއައްސަސާތަކަށް ގޮންޖަހައި، އެމީހަކު ހިތަށްއެރި ކަމެއް، ހިތަށްއެރި ގޮތަކަށް ކުރަމުން ގެންދާނަމަ، މި ދިވެހި ޤައުމަށާއި، ދިވެހި މުޖްތަމަޢަށާއި، މާދަމާ އަންނަން އޮތް ޖީލަށް މިދެއްކެނީ، ކޮން ނަމޫނާއެއްތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ އަމިއްލަ އަގު، އެހެން މީހުންގެ ކުރިމަތީގަޔާއި، މުޅި މުޖްތަމަޢުގެ ކުރިމަތީގައި ހިފަހައްޓައި، މުޅި މުޖްތަމަޢަށް ރީތި ނަމޫނާއެއް ދެއްކުމަކީ، އެހެން މީހުންގެ ކުރިމަތީގައި، އެ ރައްޔިތަކަށް ދެވޭ ޤަދަރު ބޮޑުވެގެންދާނެ ކަމެކެވެ. ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް އިތުރުވެގެންދާނެ ކަމެކެވެ.

ރާއްޖޭގެ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި، ރައްޔިތުންނަށް ލިބިދޭ މިނިވަންކަން، ރާއްޖޭގެ ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައި ވުމާއެކު، ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކަށް އިޙްތިރާމް ކުރެއްވުމަށްވެސް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މިރޭ އިލްތިމާސް ކުރެއްވިއެވެ. އަދި މިގޮތަށް ޢަމަލު ކުރުމަކީ، މިދަނޑިވަޅުގައި ޤައުމުގެ ހަމަޖެހުމާއި، އަމަންއަމާންކަމަށްޓަކައި ކުރަން ޖެހިފައިވާ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.