ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ މާލޭ ވިލިނގިލީ އަވަށު ޒުވާނުންގެ މަރްކަޒު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ. މިއަދު ހަވީރު އެ މަރްކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި، މަރްކަޒު ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަރްކަޒުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މިފަދަ ތަންތަން ހުޅުވި، ޚިދްމަތް ލިބިގެންދާކަން އެއީ، ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުވެގެންދާނެ ކަމެއްކަން ފާހަގަކުރައްވަމުން، އެތަނުގެ ފުރިހަމަ މަޤްޞަދު ޙާޞިލް ކުރުމަށް، އެތަނުގެ ބޭނުން ހިފުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ވިލިނގިލީ އަވަށު ޒުވާނުންގެ މަރުކަޒަކީ ވަކި ޕާޓީއެއްގެ ބަޔަކަށް ހުރިތަނެއް ނޫން ކަމަށާއި، ހުރިހާ އެންމެނަށްވެސް މަރްޙަބާ ކިޔާނެ ތަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަރުކަޒުން މިހާރު ލިބެންހުރި ތަފާތު ޚިދްމަތްތައް ފާހަގަކުރައްވައި، ކުރިއަށް އޮތްތާނގައި އެމަރުކަޒަށް އިތުރުކުރުމަށް ރޭވިފައިވާކަންކަމުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. އަދި ޤައުމުގެ އިޤްތިޞާދީ ހާލަތު ދަށްވެފައިވާ ދުވަސްވަރެއްގައި، އެކިއެކި ފަރާތްތަކުގެ އެހީތެރިކަމާއެކު މިމަރުކަޒު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވި އަލުން ހުޅުވުނު ކަމަށްޓަކައި އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޒުވާނުންގެ މަރްކަޒު ހުޅުއްވައިދެއްވުމަށްފަހު، އެ މަރްކަޒުގެ ފުރަތަމަ މެންބަރޝިޕް ކާޑު، މި ރަސްމިއްޔާތުގައި އެމަނިކުފާނަށް އެރުވުނެވެ. މި ކާޑު އެމަނިކުފާނަށް އެރުވީ، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފެވެ.