ރިއޯ+20 ގެ ހަރަކާތެއްގެ ގޮތުން ދިވެހިރާއްޖޭގެ ފަރާތުން "ދަ މޯލްޑިވްސް ސްޓޯރީ"ގެ ނަމުގައި ބޭއްވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގެ ތިމާވެށީގެ ސިޔާސަތުތަކާއި އިޤްތިޞާދީ ސިޔާސަތުތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވައިފިއެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، މިނިސްޓަރ އޮފް ޓޫރިޒަމް، އާރޓްސް އެންޑް ކަލްޗަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުވެސް ބައިވެރިންނަށް މަޢުލޫމާތު ދެއްވިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 2017 ވަނަ އަހަރުގެ ކުރިން މުޅި ދިވެހިރާއްޖެއަކީ ތިމާވެށީގެ ގޮތުން ރައްކާތެރިކުރެވިފައިވާ ޤައުމެއްގެ ގޮތުގައި ހަމަޖެއްސެވުމާއި، ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ހިމެނޭގޮތަށް ބަޔޮސްފިއަރއެއް ޤާއިމްކުރުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި މިކަން ޙާޞިލުކުރުމުގައި ކުރިމަތިވެގެންދާނެ ގޮންޖެހުންތައް ފާހަގަކުރައްވައި، މި މަސައްކަތުގައި މާލީ ގޮތުންނާއި އަމަލީ ގޮތުންވެސް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ރާއްޖެއަށް ބޭނުންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި، ހުރިހާ ބާވަތެއްގެ ދިރުމެއް އެކުލެވިގެންވާ "ބަޔޯޑައިވަރސިޓީ" ވެށްޓެއް ރާއްޖޭގައި އޮތުމަކީ ރާއްޖޭގެ ތިމާވެށްޓަށް ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކުރައްވަމުން، ރިއޯ އެއްބަސްވުމާއި، އެޖެންޑާ 12 އެއްބަސްވުމަށް ދިވެހިރާއްޖެއިން އަބަދުވެސް ޢަމަލުކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމުގަޔާއި، ދެމެހެއްޓެނިވި އިޤްތިޞާދެއް ޤާއިމްކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަބަދުވެސް ކުރިއަށްދާނެ ކަމަށާއި، ރާއްޖެއަކީ އިޢާދަކުރަނިވި ހަކަތައަށް އިސްކަންދޭ ޤައުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.