ރިއޯ + 20 ސަމިޓަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، [ޗިލްޑްރެންސް ވޮއިސް ފޮރ އަ ބެޓަރ ފިއުޗަރ] ނަމުގައި ބޭއްވެވި ދެދުވަހުގެ ކޮންފަރެންސްގެ ބައިވެރިން، އެކުދިންގެ ޝުޢޫރުތައް، ރިއޯ ސަމިޓްގައި ހާމަކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް އަރުވައިފިއެވެ.

[ޗިލްޑްރެންސް ވޮއިސް ފޮރ އަ ބެޓަރ ފިއުޗަރ] ކޮންފަރެންސް ނިންމުމުގެ ގޮތުން، ބަނޑޮސް އައިލެންޑް ރިޒޯޓުގައި މިއަދު ހެނދުނު އޮތް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ތިމާވެށި ޙިމާޔަތް ކުރުމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަކީ، އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި މިއަދު އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމެއް ތަރައްޤީ ކުރުމަކީ، މިއަދުގެ އާބާދީއަށް ބޭނުންވާ ކަންކަން ކުރުމުގައި، ފަހުން އުޅެންތިބި މީހުންގެ ބޭނުންތައްވެސް ފުއްދޭނެ ގޮތަކަށް ޤައުމު ތަރައްޤީ ކުރުން ކަމުގައި ވިދާޅުވިއެވެ.

ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑުބައެއް މިހާރު ޚަރަދު ކުރަން ޖެހިފައިވަނީ ތެލަށްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ތަރައްޤީ ހަކަތައިގެ ގޮތުން ހަމައެކަނި ތެލުގެ މައްޗަށް ބަރޯސާ ކޮށްގެން ދެމެހެއްޓެން ނެތްކަން މިހާރުވެސް އެނގެމުން އެބަދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި، ގައުމީ ތަރައްޤީ ކުރިއަށް ގެންދިޔުމަކީ، ހަމައެކަނި ތިމާވެށްޓާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ ކަންކަންވެސް ރާވައި ހިންގަންވާނީ، ޤައުމުގެ މުއްސަނދިކަން އިތުރުވެ، އިޖްތިމާޢީ ރައުސްމާލު އިތުރުކުރެވޭ ގޮތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްދާ ޤައުމަކަށް ހެދުމަށް އެޅޭނެ އެންމެ ވަރުގަދަ ބިންގަލަކީ، ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކާއި ތަރުބިއްޔަތު އެކުލެވިފައިވާ، ފެންވަރު ރަނގަޅު ތަޢުލީމެއް އަޅުގަނޑުމެންގެ ޅަދަރިންނަށް ލިބިދިނުން ކަމުގައިވެސް ވިދާޅުވިއެވެ.