ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ އެއްބަސްވުމުގައި، ބީ.ބީ.ސީއާއެކު ސޮއިކުރެއްވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ވަރަށްބޮޑު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ބީ.ބީ.ސީ ވެދަރ ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައި އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ، ބޭރު ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށްޓަކައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) އާއި ބީ.ބީ.ސީ އާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

މި ރަސްމިއްޔާތުގައި، ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 40 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރި ކުރުމަށާއި، ރާއްޖޭގެ ޤުދުރަތީ ރީތިކަން، ކުރިއަށް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަށް، ދިވެހިން އަބަދުވެސް ވަރަށްބޮޑު އަހަންމިއްޔަތު ކަމެއްދޭކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ބީ.ބީ.ސީ މާކެޓިންގއާއެކު މިވެވުނު އެއްބަސްވުމަކީ، ކުރިއަށް އޮތް ތަނުގައިވެސް ދެމިއޮންނާނެ ގުޅުމަކަށް ވެގެންދާނެ ކަމަށާއި އަދި މިވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތް ކުރަމުންދާ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.