ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް މިކުރެއްވި ރަސްމީ ދަތުރުފުޅަކީ، ކޮމަންވެލްތްގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު IIގެ ރަނިކަމުގެ އަލިމަސް ޔޫބީލް މުނާސަބަތާ ގުޅިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި، މި މުނާސަބަތާ ގުޅިގެން، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ދެއްވި ޚާއްޞަ ފަރިއްކޮޅުގެ އިތުރުން، އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ފޮރިން އެންޑް ކޮމަންވެލްތް އެފެއާޒް، ރައިޓް އޮނަރަބަލް ވިލިއަމް ހެއިގް، އެކި ޤައުމުތަކުގެ އިސްވެރިންނަށް ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ޚަބަރުފަތުރާ ވަސީލަތްތަކާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އަދި އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން، ރަސްމީ ފާލަމުގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ނޫސްވެރިން ދެންނެވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.