ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ރޭގެ ވަގުތެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ކޮމަންވެލްތްގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު IIގެ ރަނިކަމުގެ އަލިމަސް ޔޫބީލް މުނާސަބަތާ ގުޅިގެން ބާއްވާ ޚާއްޞަ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި މުނާސަބަތާ ގުޅިގެން، ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންނަށް ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާ ދެއްވުމަށް ހަމަޖެހިފައިވާ މެންދުރުގެ ފަރިއްކޮޅެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާދަމާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ޚަބަރުފަތުރާ ވަސީލަތްތަކާއި، ބައިނަލްއަޤްވާމީ ޚަބަރުފަތުރާ ވަސީލަތްތަކާއި، އަދި އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.