ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ ނުރައްކާތައް، ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނައުމަކީ، މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، މިއަދަކީ، ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
މިއަހަރުގެ ބައިނަލްއަޤްވާމީ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ [ފެހި އިޤްތިޞާދު: ތިބާ ޝާމިލްވޭތޯ؟] މި ޝިޢާރަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އިޤްތިޞާދީ ރޮނގުން ކުރިއެރުން ހޯދަމުންދާއިރު، ތިމާވެށްޓަށް ސަމާލުކަންދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ޓެކްނޯލޮޖީގެ ދާއިރާގައި ކުރިއެރުންތައް ހޯދަމުންދާއިރު، ތިމާވެށްޓާ ރައްޓެހި އުފެއްދުންތައް އިތުރުކުރުމަށް، ޤައުމުތަކުން ދޭންޖެހޭ އަހަންމިއްޔަތުވެސް ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މި ޖޫން މަހުގެ 20 އިން 22 އަށް ބްރެޒީލްގެ ރިއޯ-ޑިޖިނެއިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ [ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ސަސްޓޭނަބްލް ޑިވެލޮޕްމަންޓް] ނުވަތަ [ރިއޯ ޕްލަސް 20] އަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކުގެ މައްޗަށް ބައްލަވައިލައްވާފައިވެއެވެ. މިގޮތުން، މި ސަމިޓްގައި ރާއްޖެ ބައިވެރިވުމުގެ އެންމެބޮޑު މަޤްޞަދަކީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އަދި އެ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ތަފާތު މައްސަލަތައް، ބައިނަލްއަޤްވާމީ ސަމާލުކަމަށް އިތުރަށް ގެނެސް، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި މިރޮނގުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާނުލައްވައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދެއްވާފައިވެއެވެ.