ނައިޖީރިޔާގެ މަތިންދާބޯޓެއް، އެޤައުމުގެ ލާގޯސް ސިޓީގެ ސަރަޙައްދަށް ވެއްޓި، އެބޯޓުން ދަތުރުކުރި 150 މީހަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާތީ، އެކަމުގެ ހިތާމައިގައި، ނައިޖީރިޔާގެ ރައީސް ގުޑްލަކް އެބެލް ޖޮނަތަންއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޖޮނަތަންއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މިހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ނައިޖީރިޔާގެ ރައީސަށާއި، ނައިޖީރިޔާ ސަރުކާރަށާއި، ރައްޔިތުންނަށާއި އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.