އިޓަލީގެ އެމީލިޔާ ރޮމަންޔާ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެ، އަދި ޢިމާރާތްތަކަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އެޤައުމުގެ ރައީސް ޖޯޖޯ ނެޕޮލިޓާނޯއަށް ހަމްދަރުދީ ފޮނުއްވައިފިއެވެ.
ރައީސް ނެޕޮލިޓާނޯއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިޓަލީގެ ރައީސަށާއި، އިޓަލީ ސަރުކާރަށާއި ރައްޔިތުންނަށާއި، މި ޙާދިޘާގައި ގެއްލުން ލިބުނު މީހުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.
މިޙާދިޘާއާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، އެޤައުމުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގެން، މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި، އިޓަލީގެ ރައްޔިތުން ދައްކަމުންގެންދާ ހިތްވަރުގަދަ ނަމޫނާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރައްވާފައިވެއެވެ.