ޤައުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، ހުރިހާ ފަރާތްތަކަކުންވެސް ޞުލްޙަވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ހޯރަފުށްޓަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ޕާޓީއެއްގައި، ކޮންމެ ކުލައެއްގައި، ކޮންމެ ރަށެއްގައި ތިބި ނަމަވެސް، އަޅުގަނޑުމެން އެންމެންނަކީވެސް ދިވެހި ރައްޔިތުން ކަމަށާއި، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އޮތުމަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ޙައިޘިއްޔަތުން އެމަނިކުފާނު އަދާކުރައްވަންޖެހޭ އެންމެ މުހިންމު ވާޖިބަކީ، ރާއްޖެއަށް ޞުލްޙަވެރިކަމާއި، އެއްބައިވަންތަކަމާއި، ފާގަތިކަމާއި އުފާވެރިކަން ހޯދުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާހުތައް އެބަހުރި ކަމަށާއި، އެއިޞްލާޙުތައް ގެނައުމަކީ، ޤައުމު ހަމައަކަށް އެޅުވުމުގައި، ކުރަން ޖެހިފައިވާ ދެވަނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލިސް އަލުން އާފެށުމަކުން ފަށްޓަވައި، ޤާނޫނުތަކަށް ގެންނަވަންޖެހޭ އިޞްލާޙުތައް ގެންނެވުމުގައި، ސިޔާސީ ޕާޓީތަކުން އެއްބަސްވެވަޑައިގަންނަވާ އިސްކަންދޭ ތަރުތީބަކުން އެމަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު ގެއްލުން ބޮޑު ޢަމަލުތަކަކީ، އަނިޔާވެރި އަދި ޓެރަރިސްޓް ޢަމަލުތަކެއް ކަމުގައި ސިފަކުރެއްވިއެވެ. އަދި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ކޯޓަށް ހުށަހެޅުއްވުން ލަސްނުކުރައްވައި، އަވަސްކޮށްދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން އެދިވަޑައިގަތެވެ.