ސިފައިންގެ ކޮންމެ ފަރުދަކުވެސް ސިފައިންގެ ޤާނޫނީ ހުވާގެ މަތީގައި ކެތްތެރިކަމާއި އިޚްލާޞްތެރިކަމާއެކު، ސާބިތުވެ ހުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިޔުކޭޝަންގެ ފަރާތުން ހިންގި 57 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިން، ސިފައިންގެ ހުވާ ކުރުމާއި، އެ ބައިވެރިންނަށް ބަޑި ޙަވާލުކުރުމަށްޓަކައި މިއަދު ހެނދުނު ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންގެ ސިފަވަންތަކާއި، އަސްކަރީ އަޚްލާޤާއި ސުލޫކު އަދި އަގުކުރާ އަގުކުރުންތައް ބިނާވެފައިވަނީ، މައިގަނޑު ތިން އަސާސެއްގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، އެ ތިން އަސާސަކީ، އިސްލާމީ ޢަޤީދާގައި ސާބިތުވެ ދެމިތިބުމާއި، ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމާއި، ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، އެހީތެރިވެދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ތިޔަ ބޭކަލުންގެ ޢަޒުމަކަށް ވާންޖެހޭނީ، ޒަމާންވީ މިމުއައްސަސާގައި ހުރި ހަރުދަނާ އުޞޫލުތައް ދެމެހެއްޓުމާއެކު، ޒަމާނީ ތަރައްޤީގެ އާވިސްނުންތަކަކާއި، އާއުސްމިންތަކަކަށް މިމުއައްސަސާ އުފުލައިދިނުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިއަދު ކުރެއްވި ހުވަޔާއެކު، މިޤައުމު ފަޚުރުވެރިވާ ދަރިއެއްގެ ގޮތުގައި އިޚްލާސްތެރިކަމާއި، ވަފާތެރިކަމާއެކު ޤައުމަށް ޚިދުމަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންގެ ޚިދްމަތް މުޅި ރާއްޖެއަށް ފުޅާވެފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރައްޔިތުންނާ ގާތުން ސިފައިންގެ ޚިދުމަތް ފޯރުއްވައިދެއްވުމަށް ހަތަރު އޭރިޔާ ކޮމާންޑެއް ޤާއިމްކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ރައްޔިތުންނަށް އަވަސް ޚިދްމަތްތަކެއް ދިނުމަށްޓަކައި ކެނޑިނޭޅި ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރަން ޖެހިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޤައުމުގެ ސަލާމަތްތެރިކަން ފޫދުއްވާލަން އުޅޭ ކޮންމެ ބައެއްގެ އެންމެ ބޮޑު އެދުމަކަށްވާނީ، ސިފައިންގެ ސަފުތަކުގެ ބަދަހިކަން ނެތިކޮށްލުންކަމަށާއި، ދިވެހި ސިފައިންނަކީ މިޤައުމަށްޓަކައި އެހެން އެއްވެސް ބަޔަކު ނުވާފަދަ މަތިވެރި ޤުރުބާނީތަކެއް ވެފައިވާ ބައެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.