ނެޝަނަލް އެންކުއަރީ ކޮމިޝަނަށް ރައީސް ނަޝީދުގެ ފަރާތުން ފޮނުއްވި ނަން ގަބޫލުފުޅު ނުކުރެއްވޭނެ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ޚަބަރުގައި، އެންމެ ފަހުން ރައީސް ނަޝީދު ފޮނުއްވާފައިވާ ނަމަކީ، އެމަނިކުފާނުގެ ބޮޑުބޭބެ އެމް.އެން.ޑީ.އެފް. ގެ ލެފްޓިނެންޓް ކާނަލް ޒުބައިރު އަޙްމަދު މަނިކުގެ ނަން ކަމަށާއި، ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ތަޢުލީމީ ގޮތުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމުގެ ޝަރުޠު ފުރިހަމަ ނުވާތީ، އެ ނަން ސަރުކާރަށް ޤަބޫލުފުޅު ކުރެއްވެން ނެތްކަމުގައި ވިދާޅުވެފައިވެއެވެ.

މިގޮތަށް ޝަރުޠު ފުރިހަމަނުވާ ބޭފުޅުންގެ ނަން، ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވަމުން ގެންދެވުމަކީ، އެމަނިކުފާނު ނެޝަނަލް އެންކުއަރީ ކޮމިޝަނަށް އެއްބާރުލެއްވުން ދެއްވަން ބޭނުން ނުވާ ކަމުގެ ހެއްކެއް ކަމަށްވެސް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.

މި ސަރުކާރުންވަނީ، ކޮމަންވެލްތްގެ ލަފާގެ މަތިން، ނެޝަނަލް އެންކުއަރީ ކޮމިޝަންގެ ގަވާއިދު އިސްލާހު ކުރައްވައި ބޭރުގެ ފަނޑިޔާރެއް ކޮމިޝަނުގެ ކޯ-ޗެއަރ އަކަށް ހިމެނުއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.