ކޮމަންވެލްތްގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު II ގެ ރަނިކަމުގެ އަލިމަސް ޔޫބީލް މުނާސަބަތާ ގުޅިގެން ބާއްވާ ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިނަށް ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާ އެރުވި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވައިފިއެވެ.

މި ދަޢުވަތު އަރުވައި ރައީސުލްޖުމްހޫރިއްޔާއަށް ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ފޮނުއްވި ސިޓީފުޅުގައި، އިނގިރޭސިވިލާތުގެ ރާނީގެ ރަނިކަމުގެ އަލިމަސް ޔޫބީލް، ކޮމަންވެލްތް ޤައުމުތަކުން ފާހަގަކުރުމުގެ ގޮތުން، ކޮމަންވެލްތްގެ ހުރިހާ ޤައުމުތަކެއްގެ އެންމެ އިސްވެރިން ލަންޑަންގައި ބައްދަލުކުރެއްވުމަށް ދަޢުވަތު އެރުވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

މިބައްދަލުވުމުގައި އޮންނަ ފަރިއްކޮޅުގައި، އިނގިރޭސިވިލާތުގެ ރާނީއާއި، އެކަމަނާގެ ފިރިކަލުން ޑިއުކް އޮފް އެޑިންބަރާވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް، އެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.