އާސަންދައިގެ ޚިދްމަތް، އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުޅާ ދާއިރާއެއްގައި ދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މި ޚިދްމަތް އިތުރަށް ފުޅާކުރެއްވުމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިގޮތުން ނިންމެވީ، މިހާރު އާސަންދައިގެ ޚިދްމަތް ދެއްވަމުން ގެންދަވާ ސަރުކާރުގެ ހޮސްޕިޓަލްތަކަށާއި، ހެލްތް ސެންޓަރުތަކަށް ކުރިއެކޭވެސް އެއްގޮތަށް އާސަންދައިގެ ޚިދްމަތް ދެއްވަމުން ގެންދެވުމަށެވެ. އަދި މީގެއިތުރުން، ކަނޑައެޅޭ ވަކި އުޞޫލުތަކެއްގެ މަތިން، ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ ހޮސްޕިޓަލްތަކަށާއި، އަމިއްލަ ކްލިނިކްތަކަށްވެސް މިޚިދްމަތް، ހަމަހަމަކަމާއެކު ދެއްވުމަށެވެ.

އާސަންދައިގެ ޚިދްމަތް ފުޅާކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ، ޢާންމު ރައްޔިތުންނަށް މި ޚިދްމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެގޮތް ހައްދަވައި ދެއްވުމާއި، އަމިއްލަ ގޮތުން ޞިއްޙީ ޚިދްމަތްދޭ ތަންތަނުންވެސް އާސަންދައިގެ ދަށުން ޚިދްމަތް ލިބިދެއްވުމެވެ.

ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ ހޮސްޕިޓަލްތަކަށާއި، އަމިއްލަ ކްލިނިކްތަކަށް، އާސަންދައިގެ ޚިދްމަތް ދެއްވުމުގައި ޢަމަލު ކުރައްވާ އުޞޫލުގައި، އާސަންދައިގެ ދަށުން އެފަރާތްތަކަށް ލިބޭނެ ޚިދްމަތްތައް ބަޔާންކުރެވިފައިވާނެއެވެ.

މި އުޞޫލު ވީހާވެސް އަވަހަކަށް އެންސްޕާ އިން އިޢުލާނު ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ.