ދައުލަތުގެ ބަޖެޓްގެ ޚަރަދުތަކުން 15 އިންސައްތަ ކުޑަކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ޤައުމުގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތްގޮތުގެ މައްޗަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ތައްޔާރު ކުރައްވާފައިވާ ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިގޮތުން ނިންމެވީ، ދައުލަތުން ރައްޔިތުންނަށް ދެއްވަންޖެހޭ އަސާސީ ޚިދްމަތްތަކަށް އެއްވެސް އަސަރެއް ނުފޯރާގޮތަށް އަމާޒު ކުރައްވައިގެން، ބަޖެޓްގެ ޚަރަދުތައް ކުޑަކުރެއްވުމަށެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިއަހަރަށް ލަފާކުރި ބަޖެޓްގެ ޑެފިސިޓަކީ، ޖީ.ޑީ.ޕީ.ގެ ނިސްބަތުން 9.7 އިންސައްތަ ކަމަށްވިޔަސް، ނުދެއްކިހުރި ބިލްތަކާއި، ބަޖެޓްގައި ނުހިމެނިހުރި ފައިސާގެ ސަބަބުން ބަޖެޓްގެ ޑެފިސިޓް 30 ޕަސެންޓާ ގާތްކުރާކަން ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެޅެންހުރި ފިޔަވަޅުތަކާއި، އާމްދަނީ އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ.