ސްވިޑްން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލާރސް އޮލޮފް ލިންޑަރެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރެސީ ޤާއިމް ކުރުމަށް ކުރެވިގެންދިޔަ އެކި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތުގެ މަޢުލޫމާތު، ސްވިޑްން ސަފީރާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ. އަދި ވެރިކަން ބަދަލުވުމަށްފަހު، ސަރުކާރަށް ސިޔާސީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު، ސްވިޑްން ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެއިތުރުން، ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތުވެސް އެމަނިކުފާނު ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ސްވިޑްން ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީއެއް ފުރިހަމަވުމަށްޓަކައި ވަގުތު ނަގާނެކަން ފާހަގަކުރައްވައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތަރުޙީބު ދެއްވިއެވެ. އަދި ޑިމޮކްރެޓިކް ވެށްޓެއް ޤާއިމްވެފައިވާ ޤައުމެއްގައި، ހުރިހާ މުއައްސަސާއެއްވެސް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށާއި، އެތަންތަން އިތުރަށް ހަރުދަނާވާންޖެހޭ ކަމުގައިވެސް ސްވިޑްން ސަފީރު ވިދާޅުވިއެވެ.