ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މުމްބާއިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަހާރާޝްތުރަ ސްޓޭޓްގެ ގަވަރނަރ ކަތީކަލް ޝަންކަރަ ނަރަޔާނަންއާއި، މަހާރާޝްތުރަ ސްޓޭޓްގެ ޗީފް މިނިސްޓަރ ޕްރިތްވިރާޖް ޗަވަންއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަހާރާޝްތުރަ ސްޓޭޓަށް ޚާއްޞަކޮށް، މުމްބާއިއަށް ރާއްޖޭގެ ޓޫރިޒަމް ޙިއްޞާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މުމްބާއިއާއި ރާއްޖެއާ ދެމެދު އަލުން ސީދާ ފްލައިޓްތައް ފެށުމާ ގުޅޭގޮތުންނާއި، މަސްވެރިކަމާއި، މީޓިއޮރޮލޮޖީއާއި، އޯޝަން ޓެކްނޯލޮޖީގެ ދާއިރާއިން މަހާރާޝްތުރާގައި ތަރައްޤީވެފައި ހުރި ޚިދްމަތްތަކާއި ކަންކަން ރާއްޖެއަށް ތަޢާރުފް ކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި މަހާރާޝްތުރަ ސްޓޭޓްގެ ޗީފް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މިކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، ގުޅުން ބަދަހިކުރެއްވުމަށް ރާއްޖޭގެ އިޖްތިމާޢީ އަދި މާލީ އިދާރާތަކުގެ މަތީ ފެންވަރުގެ ވަފްދެއް މުމްބާއިއަށް ފޮނުއްވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ވަފްދު މުމްބާއިއަށް ޒިޔާރަތް ކުރުމުގެ ކުރިން، މުމްބާއިގައި ހުންނަ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސަލްގެ އޮފީހުގެ ތެރެއިން މިހިނދުން މިހިނދަށް ކުރައްވަންޖެހޭ މަސައްކަތްތައް ފެށްޓެވުމަށްވެސް ނިންމެވިއެވެ.

މިބައްދަލުކުރެއްވުމުގައި މަހާރާޝްތުރަ ސްޓޭޓްގެ ޚާއްޞަކޮށް، މުމްބާއިގެ އިންވެސްޓަރުން ރާއްޖެއަށް ދަތުރުކުރައްވައި، ދެފަރާތަށް ފައިދާހުރި ކަންކަމުގެ ފުރްޞަތު ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.