ކުޅުދުއްފުށީގައި ސަރުކާރުން ފަށްޓަވާފައި ހުރި މަޝްރޫޢުތައް، ވެވަޑައިގެންނެވި އެންމެ އަވަހަކަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން، ކުޅުދުއްފުށީ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްވައިފިއެވެ. މި ޔަޤީންކަން ކުޅުދުއްފުށީ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، އެމަނިކުފާނު މިއަދު ހަވީރު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުން އެރަށުގައި ފަށްޓަވާފައި ހުރި މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއްވެސް ކުލައަކަށް ބެއްލެވުމެއްނެތި، ހަމަހަމަކަމާ އެކީގައި ރައްޔިތުންގެ ޙައްޤުތައް، ރައްޔިތުންނަށް ލިބިދެއްވުމަށްޓަކައި ކުރެއްވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރޯޑް ކޮންސްޓްރަކްޝަން ކުންފުނީގެ ބޯޑް މިހާރު އެކުލަވައިލައްވާފައިވާނޭ ކަމަށާއި، އެ ބޯޑްގެ ބެއްލެވުމުގެ ދަށުން ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެން، ވަރަށް ބާރަށް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރްޞަތުތައް ލިބޭނެ ގޮތަށް މަސައްކަތްތައް ރާއްވަވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށީ ރައްޔިތުންނަށް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި މިހުންނެވީ، ދިވެހިރާއްޖޭގެ ރައްޔިތުން އިންތިޚާބު ކުރެއްވީމާ ކަމަށާއި، އެމަނިކުފާނަކީ 2008 ވަނަ އަހަރު ރައްޔިތުން ވޯޓް ދެއްވި ދެބޭފުޅުންގެ ތެރެއިން އެކަކު ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2008 ވަނަ އަހަރުގެ އިންތިޚާބުގައި، ރައީސް ނަޝީދަށް ކާމިޔާބު ލިބިވަޑައިގަތީ، އެބޭފުޅާގެ ރަނިންގމޭޓަކަށް އެމަނިކުފާނު ވެވަޑައިގަތީމާ ކަމަށެވެ.
ކުޅުދުއްފުށީ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައިވެސް އެމް.ޑީ.ޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނު އެމް.ޑީ.ޕީ.ގެ މެންބަރަކަށް އުޅުއްވިއިރު ކުރެއްވުނު ތަޖްރިބާތައް، ކުޅުދުއްފުށީ ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި އެ ޕާޓީއަށް ދިމާވެގެން އުޅޭ ހުރިހާ މައްސަލައަކީ، ރައީސް ނަޝީދު، އެ ޕާޓީ ޙިޞާރު ކުރައްވައިގެން، އެ ޕާޓީގެ ތެރެއިން ޒުވާން އެއްވެސް ބޭފުޅަކަށް ޕާޓީގެ ޒަޢާމަތަށް ވަޑައިގަތުމުގެ ފުރްޞަތު ނުދެއްވުން ކަމުގައި ވިދާޅުވިއެވެ. އެމް.ޑީ.ޕީ އަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށް ވިދާޅުވެވެން ނެތް ކަމަށާއި، މަގުމައްޗަށް ނުކުމެ، ތަންތަން ރޯކޮށް، ރައްޔިތުންގެ މުދާތައް ހަލާކުކޮށް، މިބާވަތުގެ ޢަމަލުތައް ހިންގާ މީހުންނަކީ، ޓެރަރިސްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވަމުން، އެމީހުންނަށް ދޭންޖެހޭ އަދަބުދޭކަށް ކުޑަތަންކޮޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފެބްރުއަރީ 7 ވަނަ ދުވަހުގެ ޙާދިޘާއަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، އެކަން އެހެންވުމަށް މާތްﷲ މެދުވެރިނުކުރެއްވިނަމަ، މި ރާއްޖޭގައި ޖުޑީޝަރީއެއް ނޯންނާނެ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އޭރު އޮތީ ޖުޑީޝަރީ ހަލާކުކޮށްލަން ނިންމާފައެވެ. ދަށު ކޯޓުތައް އުވާލަން ނިންމާފައެވެ. މަތީ ކޯޓުތަކުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށް ހުށަހަޅައި، 60 މީހަކު ބަންދުކުރަން ލިސްޓް ހަދައި، ފުލުހުންނަށް ފޮނުވާފައެވެ. އަދި ފެބްރުއަރީ 6 ވަނަ ދުވަގުގެ ރޭގެ ޙާދިޘާއަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، އިސްލާމްދީނަށްޓަކައި އަދި ޤައުމަށްޓަކައި ހިތްވަރާއެކުގައި ނުކުމެ މަސައްކަތްކުރި ބަޔަކަށް ޙަމަލާދޭން އެމް.ޑީ.ޕީ.ގެ ތެރޭގައި ތިބި މަދުބަޔަކު ނުކުތުމުން، އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރީމާ، އެކަން ނުކުރުމަށް ފުލުހުންނަށް އަމުރުކޮށް، ފުލުހުން އެތަނުން ދުރަށްލާން މަސައްކަތްކުރިކަން ފާހަގަކުރެއްވިއެވެ. އެންމެފަހުން ރައްޔިތުން ތިބީ ރައީސް ނަޝީދާ އެކުގައި ނޫންކަމާއި، އަދި ރައީސް ނަޝީދަށް ބޯލަނބާނެ ސިފައިންގެ މީހަކު އަދި ފުލުހަކުވެސް ރާއްޖޭގައި ނެތްކަން އެނގިވަޑައިގަންނަވައިގެން، އެހިސާބުން އަމިއްލައަށް އިސްތިޢުފާ ދެއްވާފައި، ރައީސް ނަޝީދު ގެޔަށް ވަޑައިގަތީމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެކަން ވިސްނިވަޑައިގަތީ، 24 ގަޑިއިރު ފަހުން ކަމަށާއި، ރައީސް ނަޝީދު ދެން މަސައްކަތް ކުރެއްވީ، ކޮންމެވެސްކަހަލަ ޢުޛުރެއް ދައްކަވައިގެން، ބޭރު ދުނިޔެއަށް ދޮގު ޚަބަރު ފެތުރުއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައިވެސް އަވަސް އިންތިޚާބެއް އެންމެ އަވަހަށްވެސް ބޭއްވޭނީ، 2013 ވަނަ އަހަރުގެ ޖުލައިމަހު ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. އަދި އެއަށްވުރެ އަވަހަށް، އަވަސް އިންތިޚާބެއް ބޭއްވޭކަށް ނޯންނާނެ ކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް، އެކަމަށް ތަންނުދޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ޖޯޝާއި ފޯރިއާއެކު މިއަދު ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، ކުޅުދުއްފުށީ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވަމުން، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އަނެއްކާވެސް ކުޅުދުއްފުށްޓަށް ދަތުރުފުޅެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ކުޅުދުއްފުށީ ރައްޔިތުންނަށް ދެއްވަމުންނެވެ.