ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނޮޅިވަރަންފަރަށް ކުރިމަތިވެފައިވާ އެކި ދަތިތަކުގެ މައްޗަށް ބައްލަވާލައްވަމުން، އެކަންކަން ޙައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަދި މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ މަޢްލޫމާތު، ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި ހުރިހާ ކަމެއް އެއްފަހަރާ ކޮށްނުދެއްވުނު ކަމުގައިވިޔަސް ކޮށްދެއްވެން އޮތް ވަރަކުން ކަންތައްތައް ކޮށްދެއްވަމުން ގެންދަވާނެކަމަށް ވިދާޅުވެ، އަދި ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައިގެން ރަށުގެ ކަންކަން ރަނގަޅު ކުރެއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ނޮޅިވަރަންފަރަކީ ވަރަށް ގިނަ ޒުވާނުން ދިރިއުޅެމުންދާ ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ޒުވާނުންނަށް ވަޒީފާ ލިބޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ވިދާޅުވެ އެކަމަށް މަގުފަހިކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އާބާދީ އެއްފަސްކުރުމަކީ ޤައުމުގެ މުސްތަޤްބަލަށް ބަލާއިރު ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތު ހިންގެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާތާ ދުވަސްތަކެއްވެއްޖެ ކަމަށްވެސް ވިދާޅުވިއެވެ.