ނުކުރެއްވޭވަރުގެ ކަމެއްގައި ވަޢުދެއް ވެވަޑައެއްނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ތިލަދުންމަތީ ދެކުނުބުރިއަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، މިއަދު ހަވީރު ހިރިމަރަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިރިމަރަދުއަކީ ވަރަށް އުޚުއްވަތްތެރި، އަދި ރައްޔިތުންގެ މެދުގައި ގާތް ގުޅުމެއް އޮތް ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހިރިމަރަދޫގެ ތަރައްޤީއަށްޓަކައި ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާކަން ބަޔާންކުރައްވަމުން، މި އަންނަ އަހަރުގެ ބަޖެޓުގައި ހިރިމަރަދޫގެ ތަރައްޤީއަށް ތިރީހަކަށް މިލިއަން ރުފިޔާ ކަނޑައަޅުއްވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ތިރީސް މިލިއަންރުފިޔާ ޚަރަދު ކުރެވޭނެ ގޮތްތައް ކަނޑައެޅުއްވުމުގައި ރަށުގެ ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ރަށުގެ ރައްޔިތުން އެންމެ އަހަންމިއްޔަތުކަން ދެއްވަން ބޭނުންވާ ކަންތައް ރައްޔިތުން ނިންމަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަކަށް އެކަން ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ހިރިމަރަދޫ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގިނަ ފަހަރަށް އެކި އެހީތައް، އަދި ސަރުކާރުގެ ޕްރޮގްރާމްތައް ދިޔައީ ވަކި ކުލައެއްގެ ރަށްރަށަށް ކަމަށާއި، ވަކި ޕާޓީއަކަށް ނިސްބަތްވާ ކައުންސިލެއް އޮންނަ ތަނަކަށް ކަމުގައި ވިދާޅުވިއެވެ. އަދި ކަންތައްތައް ދިޔައީ ބައެއް ރަށްރަށަށް ސަރުކާރުގެ މާބޮޑު އަޅާލުމެއް ނޯންނަ ގޮތަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.