މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ފިޤްހު އެކަޑަމީ އަލުން އެކުލަވައިލެއްވުމުގެ މަސައްކަތް، ވަޒީރުންގެ ސަބް ކޮމިޓީއަކާ ޙަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ފިޤްހު އެކަޑަމީ އަލުން އެކުލަވައިލެއްވުމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދައްކަވައި، ވަޒީރުންގެ މަޖިލީހުން ދެއްވި ލަފާފުޅާ ގުޅިގެންނެވެ.

ފިޤްހު އެކަޑަމީ އަލުން އެކުލަވައިލެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ، ދުނިޔޭގެ ތަފާތު ޤައުމުތަކުން އިސްލާމީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުން، ވެވަޑައިގެންނެވިވަރަކުން އެކަޑަމީގައި ބައިވެރިކުރެއްވުމާއި އަދި ދުނިޔަވީ ޢިލްމުގެ ތެރެއިންވެސް ވަކި ޚާއްޞަ ދާއިރާތަކަކުން ކިޔަވައި ވިދާޅުވެފައިވާ ބޭފުޅުން، މި އެކަޑަމީގައި ހިމެނުއްވުމެވެ. މިދާއިރާތަކުން ބޭފުޅުން ހޮއްވަވާއިރު، އަންހެން ބޭފުޅުންވެސް އެކަޑަމީގައި ހިމެނުއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާއެރުއްވިއެވެ. އަދި މި އެކަޑަމީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ބޭފުޅުން ހަމަޖައްސަވާއިރު، ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވެވަޑައިނުގަންނަވާ، މުޖްތަމަޢުގެ ޤަދަރާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް އިސްކަން ދެއްވުމަށްވެސް ނިންމެވިއެވެ.

ފިޤްހު އެކަޑަމީ އަލުން އެކުލަވައިލެއްވުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވި ވަޒީރުންގެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް ޑޮކްޓަރ މުޙަންމަދު މުޢިއްޒެވެ.