މިއަދުގެ ތަރައްޤީއާއި ތަހުޒީބު ރާއްޖެއަށް އަންނަންޖެހޭނީ، އިސްލާމްދީނުގެ އުޞޫލުތަކާއި އާދަކާދަތަކުގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމަށްފަހު، މިއަދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ޤައުމާ މުޚާޠަބު ކުރެއްވީ، ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި މިއަދު މެންދުރުފަހު 2.30 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މި ޤައުމު މިހާ ހިސާބަށް އައިސްފައި އޮތީ، ހަމައެކަނި އެންމެ ސަބަބަކަށްޓަކައި ކަމަށާއި، އެ ސަބަބަކީ އިސްލާމްދީނުގެ ވަރުގަދަ މާތް އަސާސްގައި އަޅުގަނޑުމެން ހިފަހައްޓައިގެން ތިބުން ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީން، މި ޤައުމުގައި ދަމަހައްޓަވަން މި ޤައުމުގެ ވެރިން މަސައްކަތް ކުރައްވަންޖެހޭނެ ކަމަށާއި، އިސްލާމްދީނަކީ، އެންމެ ތަހުޒީބީ ދީން ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ މިއަދުގެ އިޖްތިމާޢީ ޙާލަތު އޮތް ގޮތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. ބައެއް ޢާއިލާތައް ވަކިވެ، ޤައުމު ބައިބައިވީމާ، އެއިން ނުކުންނަ ނަތީޖާއާ ދޭތެރޭގައި، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާއި، އެކަމުން ވަރަށް ބޮޑެތި އަސަރުތަކެއް ޤައުމަށް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ގައުމެއްގެ އިޖްތިމާޢީ ޙާލަތާއި، އިޤްތިޞާދީ ޙާލަތު ރަނގަޅުވެގެން ނޫނީ، ސިޔާސީ މަސްރަޙު ރަނގަޅު ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ޤައުމު، ޤައުމެއްގެ ގޮތުގައި އޮވެގެން ނޫނިއްޔާ، ވިޔަފާރިވެރިއަކަށްވެސް މި ޤައުމުގައި އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ޤައުމުގެ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެއެވެ.

ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ވަރަށްގިނަ ކަންތައްތައް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވަމުން، ދިގު މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ އުޞޫލުން ޒުވާނުންނަށް ލޯން ސްކޮލަރޝިޕް ހަމަޖައްސައިދިނުންފަދަ ކަންތައްތަކަކީ، އިޤްތިޞާދު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އިޖްތިމާޢީ ކަންތައްތަކާއި، މުނިފޫހިފިލުވުމުގެ ކަންތައްތައްވެސް، އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށާއި، ކުޅިވަރު ޖަމްޢިއްޔާތައްވެސް އަޅުގަނޑުމެން ބާރުގަދަކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއަދުގެ ޒުވާނުން އަޅުގަނޑުމެންނަށް ރަނގަޅަށް ބައްޓަން ނުކުރެވިއްޖިއްޔާ އަދި ރަނގަޅު ގޮތުގައި އެމީހުން ބޮޑެތި ނުކުރެވިއްޖެ ކަމަށްވާނަމަ، ޤައުމުގައި ވެރިކަން ކުރާނެ ބަޔަކު ނުތިބޭނެ ކަމަށާއި، ޤައުމުގައި ވެރިކަން ކުރާނެ ލީޑަރުން އަޅުގަނޑުމެން އުފައްދަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ ވާހަކަފުޅުގައި، މާތްﷲ އިންސާނުންނަށް ދެއްވާފައިވާ ދެ ގުނަވަން ކަމަށްވާ، ހިތާއި ސިކުނޑީގެ ބޭނުން ހެޔޮގޮތުގައި ކުރުމަށާއި، މީހާ ތަރައްޤީވާނީ އަދި ކުރިއަށްދާނީ، މި ދެގުނަވަނުގެ ބޭނުން ރަނގަޅަށް ހިފުމުން ކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް، ހިތާމައަކީ، މި ދެގުނަވަން، އެހެން މީހެއްގެ އަތްމައްޗަށް އަދި އޭގެ ބާރު އެހެން ފަރާތަކަށް ދޫކޮށްލެވޭތަން އައުން ކަމަށާއި، އެހެން ދޫކޮށްލެވޭނަމަ، އެއީ އެމީހަކު އަޅުވެތިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.