ޔޫރަޕިއަން ޕާލިމެންޓަރީ ވަފްދުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، އެޖަމާޢަތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ، ސަރުކާރުން ވަރަށްބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރު ބަދަލުވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ހަލަބޮލިކަމާއި، އެކަން ހަމައަކަށް އެޅުވުމަށްޓަކައި ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުން އެޅުއްވި ފިޔަޅުތަކުގެ މަޢުލޫމާތު، ޔޫރަޕިއަން ޕާލިމެންޓަރީ ވަފްދުގެ ބޭފުޅުންނާ ޙިއްޞާ ކުރައްވާފައެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު ރަނގަޅު ކަމުގައި ވިދާޅުވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖެއަކީ އަމާންތަނެއްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި، ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދެއްވަން ފަށްޓަވާފައިވާ އިޖްތިމާޢީ އެކިއެކި ޚިދްމަތްތައް ކުރިއަށް ގެންދެވުމުގައި، މިހާރުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް ދިމާވަމުންދާ ރަށް ގިރުމުގެ މައްސަލައާއި، ސާފު ފެން ލިބުމުގެ މައްސަލަ ޙައްލު ކުރެއްވުމުގައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

ޔޫރަޕިއަން ޕާލިމެންޓަރީ ވަފްދުގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި، އެންމެފަހުން ބޭއްވި އިންތިޚާބުތައް ކުރިއަށް ދިޔައީ ވަރަށް މިނިވަން އިންޞާފްވެރި، އާންމުން ބަލައިގަންނަ ގޮތަކަށްކަން ފާހަގަކުރައްވައި، އެކަމަށް މަރުޙަބާ ވިދާޅުވިއެވެ.