ޖަމާޢަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތެއް ބިނާކުރެއްވުމަށާއި، ޖަމާޢަތްތަކުގެ ޙަރަކާތްތަކަށް ޝައުޤުވެރިކުރުވުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެއްވުމުގެ މަޤްޞަދުގައި 6 މަސް ދުވަހުގެ މަދަނީ ތަޢްލީމުގެ ކެމްޕޭނެއް ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މި ކެމްޕޭނާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

 މި ކެމްޕޭން ހިންގޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، އަމާން ވެށްޓެއް ޤާއިމް ކުރުމާއި، ޖަމްޢިއްޔާތަކުގެ ކަންކަން ހަރުދަނާ ކުރުމާއި، މަޢުލޫމާތުގެ ޙައްޤު ހޯދައި ލިބިގަތުމާއި، އިންސާނީ ކަރާމާތަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤައިދީން އަނބުރާ މުޖްތަމަޢަށް ގެނައުމަށް އެކި ޕްރޮގްރާމްތައް ހިންގުމާއި، ފުލުހުން ޒިންމާދާރު ކުރުވުމާއި، ރައްޔިތުން ޒިންމާދާރު ކުރުވުން ހިމެނެއެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، އެކިއެކި ޖަމްޢިއްޔާތަކާއި އަދި މީޑިއާ މެދުވެރިކުރައްވައި، މި ކެމްޕޭނުގައި ހިމެނޭ އެކި ބައިތައް ހިންގެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.