ރާއްޖޭގެ 7 ސަރަޙައްދުގައި އުފައްދަވާފައިވާ 7 ޤައުމީ އިދާރާއާއި، އެ އިދާރާތަކުގެ ދަށުން ހިނގަމުންދާ ޤައުމީ އިދާރާގެ ޔުނިޓްތައް، ރައީސުލްޖުމްހޫރިއްޔާ އުވާލައްވައިފިއެވެ.

ޤައުމީ އިދާރާތަކާއި، އެ އިދާރާތަކުގެ ޔުނިޓްތައް އުވާލެއްވީ، މިއޮފީސްތައް ވަކިން އުފެއްދެވުމުގެ ބަދަލުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތަކާއި، ރަށްތައް ހިންގުމަށް ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އަތޮޅުތަކާއި ރަށްތައް ހިންގެވުމަށް މަގުފަހިކުރެއްވުމަށްޓަކައެވެ. މީގެއިތުރުން، ޤައުމީ އިދާރާތައް މެދުވެރިކޮށް، ސަރުކާރުގެ މިނިސްޓްރީތަކުން ޚިދްމަތްތައް ދިނުމުގައި މުޢާމަލާތު ކުރުމުގެ މަގު ދިގުވެ، ވިލަރެސް ކުރުމުގައި ބައެއް ދަތިތަކާ ކުރިމަތިވަމުންދާތީ، ކައުންސިލްތަކުން ސީދާ ސަރުކާރުގެ މިނިސްޓްރީތަކާ ގުޅިގެން ކަންކަން ނިންމައި، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދްމަތް ދެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަކީ، މިއޮފީސްތައް އުވާލެއްވުމުގެ މުހިންމު އެއްސަބަބެވެ.

ޤައުމީ އިދާރާތަކާއި، އެ އިދާރާތަކުގެ ޔުނިޓްތައް އުވާލެއްވުމާ ގުޅިގެން، އެތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ މަސައްކަތްތަކާއި، ޤައުމީ އިދާރާތަކާއި، އެ އިދާރާތަކުގެ ޔުނިޓްތައް މެދުވެރިކުރައްވައިގެން، ސަރުކާރުގެ މިނިސްޓްރީތަކުން ކުރަމުން ގެންދާ މަސައްކަތްތައް، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 71 ވަނަ މާއްދާގެ (ށ)ގެ 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކާއެކު ވެވޭ އެއްބަސްވުންތަކެއްގެ ދަށުން ކައުންސިލްތަކާ ޙަވާލުކުރައްވައިގެން ހިންގެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.