އިންޑިޔާގެ ޑިރެކްޓަރ ޖެނެރަލް ކޯސްޓްގާޑް، ވައިސް އެޑްމިރަލް އެމް.ޕީ މުރަލިދަރަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އެކިދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ޚާއްޞަކޮށް، ރާއްޖެއާއި އަދި އިންޑިޔާ ކަނޑުގެ ސަރަޙައްދު ޙިމާޔަތް ކުރުމާއި ރައްކާތެރިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކަނޑުފޭރޭ މީހުންގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވާ ނުރައްކާތައް އިތުރުވަމުން ދިޔުމަކީވެސް، ރާއްޖެއިން ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ކުޑަ ޤައުމެއް ކަމުގައިވިޔަސް ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެއް ކަމަށްވުމާއެކު، ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން އެކަނި ބެލެހެއްޓުމުގެ ޤާބިލުކަން ރާއްޖެއަށް ލިބިފައިނުވާ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މިކަމުގައި އިންޑިޔާގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބެމުން އަންނާތީ އެކަމަށްޓަކައި އިންޑިޔާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

އިންޑިޔާގެ ޑިރެކްޓަރ ޖެނެރަލް ކޯސްޓްގާޑް ވައިސް އެޑްމިރަލް އެމް.ޕީ މުރަލިދަރަން ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއާއި، ސްރީލަންކާއާއި، ރާއްޖެ ގުޅިގެން މިހާރު ކުރިއަށް ގެންދާ "ޓްރައިލެޓްރަލް ޖޮއިންޓް އެކްސަސައިޒް"އާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި، މިފަދަ ހަރަކާތްތަކުގެ ސަބަބުން ބައިވެރިވާ ހުރިހާ ޤައުމަކަށްވެސް ފައިދާ ލިބެމުންދާކަން ފާހަގަކުރައްވަމުން، މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.