މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ މެންބަރުންނާއި، އިނގުރައިދޫ ކައުންސިލްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ މެންބަރުންނާއި، އިނގުރައިދޫ ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރަށް، ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތްކަން ހާމަކުރެއްވިއެވެ. މީގެއިތުރުންވެސް ތަރައްޤީގެ މަގުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުގެ ތަފްޞީލް، ކައުންސިލްތަކުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ހުރިހާ ފަރާތްތަކާވެސް މަޝްވަރާ ކުރައްވައިގެން، ރާއްޖޭގެ ޙާލަތު ރަނގަޅު ކުރެއްވުމަށް ކަމުގައިވެސް ވިދާޅުވިއެވެ. ހަމައެއާއެކު، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ބޭނުންވާ ކަންކަން، ބަޖެޓް ތަންދިން މިންވަރަކުން ކޮށްދެއްވޭތޯ ބެއްލެވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.